އޯޒޯން ފަށަލައިގައި ލޯވަޅެއް އުފެއްދުމަށް މެދުވެރިވި ގޭސް ކަމަށްވާ ކްލޮރޯ ފްލޮރޯ ކާބަންސް (ސީއެފްސީ) ބޭނުންކުރުން ދުނިޔެއިން ހުއްޓާލިތާ 13 އަހަރު ފަހުން، އެ ގޭސް އާދަޔާ ޚިލާފަށް އިތުރުވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ސީއެފްސީއަކީ އެއާކޮންޑިޝަންތަކާއި ފްރިޖްތަކުގެ ފިނިކަން ހިފެހެއްޓުމަށްޓަކައި އުފައްދައިގެން ބޭނުންކުރަމުން އައި ގޭހެކެވެ. މިގޭސް ބޭނުންކުރުމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުން ހުއްޓުވުމަށް 2010 ވަނަ އަހަރު ގާއިމު ކުރެވުނު މޮންޓްރިއަލް އެއްބަސްވުމާއެކު އެ ގޭސް ބޭނުންކުރުން ދުނިޔެއިން ވަނީ އެއްކޮށް ހުއްޓަލައިފަ އެވެ.
އެއާކޮންޑިޝަނާއި ފްރިޖްތައް އުފެއްދުމަށް ސީއެފްސީ ބޭނުންކުރުން ހުއްޓާލައި ބަދަލުގައި އޯޒޯނަށް ގެއްލުން ކުޑަ ގޭހެއް ބޭނުންކުރަން ފެށީ އެކަމުގެ ސަބަބުން އޯޒޯން ފަށަލައަށް ދިމާވެފައިވާ މައްސަލަ ހައްލުވެ، ކުރިން ހުރި މިންވަރަށް އިއާދަވާނެކަމަށް ބަލައިފަ އެވެ. އެހެންނަމަވެސް ނޭޗާ ޖިއޯ ސައިންސް ޖާނަލްގައި މިދިޔަ ހޯމަ ދުވަހު ޝާއިއުކުރި ދިރާސާއެއްގައިވާ ގޮތުން އޯޒޯންގައި ސީއެފްސީ ހުރި މިންވަރު 2020 ގައި ވަނީ ރިކޯޑް މިންވަރަކަށް މަތިވެފަ އެވެ.
ދުނިޔޭގެ 14 ހިސާބެއްގައި ކުރި ދިރާސާއިން، ޖައްވުގައި ސީއެފްސީ އިތުރުވެފައިވާ މިންވަރު ހާމަކޮށްދިންކަމަށް ވިޔަސް އެކަން އެހެން ވަނީ ކީއްވެގެން ކަން މުޅިން ޔަގީނެއް ނުވެ އެވެ. މި ދިރާސާކުރި ސައިންސްވެރިން ދެކޭގޮތުގައި އެކަމުގެ ސަބަބަކަށް ސީއެފްސީގެ ބަދަލުގައި އަލަށް ބޭނުންކުރަން ފެށި ގޭސް ވެދާނެ އެވެ.
ސައިންސް ވެރިންގެ މި އާ ހޯދުމަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ދުނިޔެއިން ކުރަމުން އަންނަ މަސައްކަތަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.
އިރުން ދުނިޔެއަށް އަންނަ ނުރައްކާތެރި އަލްޓްރާ ވައިލެޓް ރޭޑިއޭޝަނުގެ ބޮޑު ބައެއް ދުނިޔެއަށް ވާސިލު ވިޔަނުދީ ހިފަހައްޓައިދެނީ ދުނިޔެ ވަށައިގެން އޮންނަ އޯޒޯން ފަށަލަ އެވެ.
އެންޓާޓިކާ މަތިން އޯޒޯން ފަށަލަ ތުނިވެ ލޯވަޅެއް ހެދިފައިވާކަން ސައިންސް ވެރިންނަށް ފާހަގަ ކުރެވުނީ 1985 ވަނަ އަހަރު އެވެ. އެ ހިސާބުން ފެށިގެން އޯޒޯނަށް ނުރައްކާވާ ގޭސް ބޭނުންކުރާ މިންވަރު އައީ މަދުކުރަމުންނެވެ. އެންމެ ފަހުން އެ ގޭސް ބޭނުންކުރުން ކުރުން 2010 ވަނަ އަހަރު އެއްކޮށް ހުއްޓާލި އެވެ. އެ ހިސާބުން ފެށިގެން އޯޒޯން ފަށަލައަށް ލިބިފައި ހުރި ގެއްލުން ރަނގަޅުވާން ފަށައި އިންސާނުނަށް ހަމުގެ ކެންސަރު ފަދަ ބަލިތަކުގެ ނުރައްކާ ކުޑަވާނެ ކަމަށް ބެލެވުނެވެ.
ސައިންޓިސްޓުން އަންދާޒާ ކޮށްފައިވާގޮތުގައި ސީއެފްސީ ބޭނުންކުރުން ހުއްޓާލުމުގެ ނަތީޖާއެއްގެ ގޮތުން އޯޒޯން ފަށަލަ ކުރިން ހުރި މިންވަރަށް މަޑުމަޑުން އިއާދަވާނެ އެވެ. އެގޮތުން 2066 ވަނަ އަހަރާ ހަމަޔަށްދާއިރު އެންޓާޓިކާ މަތީގައި ހެދިފައި ހުރި ލޯވަޅު ރަނަގަޅުވާނެ ކަމަށް ބެލެވުނެވެ. އާޓިކް ސަރަހައްދުގައި ހުރި ލޯވަޅު ރަނގަޅުވާނެ ކަމަށް ބެލެވިފައި އޮތީ 2044 ވަނަ އަހަރު އެވެ. އެހެން ނަމަވެސް އަލަށް މި ހޯދުނު ހޯދުމަކީ ސައިންސް ވެރިންގެ ލަފާކުރުންތަކާ އުންމީދުތަކަށް ހީނަރުކަން ގެނުވި ނަތީޖާއަކަށް ވަނީ ވެފަ އެވެ.
ސައިންސް ވެރިން ލަފާ ކުރާގޮތުގައި ސީއެފްސީގެ ބަދަލުގައި ބޭނުންކުރުމަށް ހުއްދަކުރި ހައިޑް ރޯފްލޮރޯ ކާބަންސް (އެޗްއެފްސީ) އުފެއްދުމަށްޓަކައި ސީއެފްސީގެ ބައެއް ބާވަތްތައް ބޭނުންކުރަމުން ގެންދާ ގެންދިއުމަކީ ޖައްވަށް ސީއެފްސީ އިތުރުވަމުންދާ ސަބަބެއް ކަމަށް ވެދާނެ އެވެ. ސީއެފްސީ ތެރޭގައި ހިމެނޭ ފަސް ބާވަތެއްގެ ގޭހުގެ ތެރެއިން 3 ބާވަތެއް އެޗްއެފްސީ އުފެއްދުމަށް ބޭނުން ކުރެވެ އެވެ. މިގޭސްތައް އެކަށީގެންވާ ގޮތުގައި ނައްތާނުލެވުމަކީ މިވަގުތު ދިމާވެފައިވާ މައްސަލައިގެ ސަބަބެއް ކަމަށް ވެދާނެ ކަމަށް ވެސް ސައިންސްވެރިން ލަފާކުރެ އެވެ.
ސީއެފްސީގެ ބަދަލުގައި މިހާރު ބޭނުން ކުރަމުން އަންނަ އެޗްއެފްސީއަކީ ވެސް ދުނިޔެ ހޫނުވުމުގެ މައްސަލައަށް ރިއާޔަތް ކުރާއިރު އެހާ ރައްކާތެރި ބާވަތަކަށް ނުވެ އެވެ. އެޗްއެފްސީ ހިމެނިފައި ވަނީ ކާބަންޑައި އޮކްސައިޑަށް ވުރެ ވެސް ނުރައްކާތެރި ގްރީން ހައުސް ގޭހެއްގެ ގޮތުގަ އެވެ. އެހެންކަމުން 2016 ވަނަ އަހަރު މޮންޓްރިއޯލް އެއްބަސްވުމަށް ގެނެވުނު އިސްލާހަކާއެކު އެޗްއެފްސީ ބޭނުންކުރާ މިންވަރު މިހާރު އަންނަނީ މަދުކުރަމުންނެވެ. މިހާރުގެ އަމާޒު ހިފައިވާ މިންވަރަށް ކުރިޔަށް ދާނަމަ 2044 ވަނައަހަރު އެޗްއެފްސީ ބޭނުންކުރާ މިންވަރު 85 ޕަސެންޓު ދަށް ކުރެވޭނެ އެވެ.
އަލަށް ކުރެވުނު ދިރާސާއިން ޖައްވުގައި ސީއެފްސީ އިތުރުވާ ކަމަށް ދެއްކި ކަމަށް ވިޔަސް އޯޒޯން ފަށަލަ އިޔާދަވަމުން އަންނަ މިންވަރު އޭގެ ސަބަބުން މަޑުޖެހުމަށް ނާންނާނެ ކަމަށް ސައިންސް ވެރިން ލަފާކުރެ އެވެ. ނަމަވެސް އެ ގޭސްތައް ބޭނުންކުރެވޭ މިންވަރު އިތުރުވަމުންދާނަމަ އެކަމުގެ ނުރައްކާ ބޮޑުވުމުގެ ބިރު އެބަ އޮތެވެ.
ދުނިޔޭގެ ހޫނު މިން މޮންޓްރިއަލް އެއްބަސްވުމުގެ ސަބަބުން 0.05 ޑިގްރީ އަށް ދަށްކުރެވޭނެ ކަމަށް ސައިންސް ވެރިން ލަފާކުރެ އެވެ. މިކަމަށްޓަކައި އެ އެއްބަސްވުމަށް ފުރިހަމަޔަށް އަމަލު ކުރެވޭތޯ ބަލަމުން ގެންދަން ޖެހޭ ކަމަށް ވެސް ސައިންސް ވެރިން ދެކެ އެވެ.