އިދިކޮޅު މައި ޕާޓީ ޕީޕީއެމް އިން ކަންބޮޑުވުމުން ފާޅުކުރަމުން ދަނިކޮށް، އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފިކަން އަންގައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ. އިސްތިއުނާފްގެ ބައެއް ކަންކަން އިސްލާހުކުރަން އެންގުމަށްފަހު އެ މައްސަލަ ބަލައިގަނެ، ރަޖިސްޓްރީ ކޮށްފައިވާ މިއަދު ހައި ކޯޓުން ވަނީ އަންގައިފަ އެވެ.
ޔާމީންގެ ވަކީލުން ކުރިން ވިދާޅުވެފައި ވަނީ މިދިޔަ މާޗް މަހު ޔާމީން ހައި ކޯޓުން މިނިވަން ކުރާނެ ކަމަށެވެ. އަދި އެ މައްސަލަ ބަލައިގަތުން ލަސްވާތީ ޕީޕީއެމްގެ ލީޑަޝިޕުން ހައިކޯޓުގައި ޝަކުވާކޮށްފައިވެ އެވެ.
ރިޝްވަތުގެ ކުށް ސާބިތުވުމުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ. އެ މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް އިތުރު ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ކުރެ އެވެ. އަދި މި މައްސަލަ ހައިކޯޓުން ބާތިލުކޮށްފި ނަމަ އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.