ސާޖަރީތައް ކުރާއިރު ބޭނުންކުރާ ކާބަންޑައި އޮކްސައިޑް ހުސްވަމުންދާތީ އައިޖީއެމްއެޗްގެ ބައެއް ސާޖަރީތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ސާޖަރީތައް ކާބަންޑައި އޮކްސައިޑުގެ ސްޓޮކް މަދުވާތީ މަޑުޖައްސާލާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ރޫޓިން ލެޕްރޮސްކޮޕިކް ސާޖަރީތައް ނުވަތަ ބަނޑުގައި ލޯވަޅު އަޅައިގެން ކެމެރާ ލައްވައިގެން ކުރާ ސާޖަރީތަކެވެ.

މި ވަގުތަށް ހުރި ކާބަންޑައި އޮކްސައިޑް ބޭނުންކުރަނީ ކުއްލި ހާލަތްތަކުގައި ހަދާ ލެޕަރޮސްކޮޕިކް ސާޖަރީތަކަށް ކަމަށްވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް މިމައްސަލައާއި ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެ އެވެ.

އައިޖީއެމްއެޗްގެ ވަސީލަތްތައް ހަމަކުރުމަށް ދަތިވަނީ ހެދިފައިވާ އުސޫލުތަކުގެ ސަބަބުން ކަމަށް ދާދިފަހުން އެ ހޮސްޕިޓަލުންވަނީ ބުނެފަ އެވެ. އެއީ އައިޖީއެމްއެޗްގެ އައިސީޔޫގައި ޔޫއެސްޖީ މެޝިނެއް ނެތިގެން ހޭނައްތާ ޑޮކްޓަރު އިސްމާއީލް ލަތީފު ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.

މީގެ އިތުރުން ވެސް ލެބޯޓްރީއާއި ބައެއް ވޯޑު ތަކުގައި ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ނެތިގެން ޑޮކްޓަރުންނާއި ނަރުހުން ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރެ އެވެެ.