ރޯދަ މަހަކީ އެހެން މަސްމަހާ އަޅާބަލާއިރު އަހަރުމެންގެ ސުފުރާތައް ވަރަށް ތިޔާގިވާ ދުވަސްވަރެކެވެ. މަދުވެގެން ދެތިން ބާވަތެއްގެ ހެދިކާ ނުހަދާ ގެއެއް މި ރާއްޖޭގައި ވެސް މަދުވާނެ އެވެ. މިއާއެކު މި މާތް މައްސަރު ވެފައިވަނީ ކާބޯތަކެތި އިސްރާފު ކުރުން ވެސް އިތުރު މަހަކަށެވެ.
ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް ގޭބިސީތަކުން އުފައްދާ ކާބޯތަކެތީގެ ކުނީގެ މިންވަރު އިތުރުވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނާއިރު މިއީ ފަރުދީ ޒިންމާއެއް ކަމަށް ބަލައިގެން ކޮންމެ ގެއަކުން ވެސް ހައްލު ކުރަން ޖެހޭ މައްސަލަ އެކެވެ.
އެންމެ ފުރަތަމަ ކަމަކީ ކާބޯތަކެތި ހަދާ މިންވަރަށް ވިސްނާލުމެވެ. އިސްރާފުވާ ވަރަށް ކާއެއްޗެހި ހެދުމުގެ ބޭނުމެއް ނެތެވެ. އެހެން ކަމުން އެގެއަކަށް ކާން ބޭނުންވާ މިންވަރަށް ކާބޯތަކެތި ހަދާނަމަ އިސްރާފުގެ މައްސަލައަށް ބޮޑު ހައްލެއް ލިބުނީ އެވެ.
މިގޮތުން ވެސް ގޭގައި ކާބޯތަކެތި ބާކީވާ ނަމަ އުކާލުމުގެ ބަދަލުގައި ކުރެވިދާނެ ގިނަ ކަންކަން ވެސް ހުރެ އެވެ. މިއަދު ބާކީވާ ތަކެތި މާދަމާގެ ކެއުމުގައި ހިމެނުން ރަނގަޅެވެ. މިއަދުގެ ބަތް އެތިން މާދަމާ މީރު ބަތްގަނޑެއް ހަދާލެވޭނެ އެވެ. ބާކީވި ރޮށިކޮޅުން ކޮއްތުރޮށި ފަދަ ބާވަތެއް ތައްޔާރު ކުރެވޭނެ އެވެ.
މި ރޯދަ މަހު ތިބާއަށްވުރެ ނިކަމެތި މީހުން ވެސް އުޅޭނެކަމާމެދު ވިސްނާލާށެވެ. ބާކީވާ ތަކެތި އުކާލުމުގެ ކުރިން އެފަދަ މީހުންގެ ހާލަތަށް ނަޒަރު ހިންގާލާށެވެ. ކާބޯތަކެތި އިސްރާފުކޮށް އުކާލުމުގެ ބަދަލުގައި ރޯދައިގެ އުފަލުގައި ނިކަމެތިންނާއި ފަގީރުން ހިމަނާށެވެ. ތިބާގެ ރޯދިން ބައެއް އެ މީހުންނަށް ވެސް ދޭށެވެ.
ދެން އޮތީ ތިމާވެށްޓާ އެންމެ ރައްޓެހި ގޮތެވެ. އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ މިހާރު ގޭގައި ވެސް ގަސް ހައްދާ މީހުންނެވެ. ބާކީވާ ކާބޯތަކެތި އުކާލުމުގެ ބަދަލުގައި އެތަކެތިން ގަސްކާނާ އުފައްދައި ގަސްތަކަށް ބޭނުން ކުރުމަކީ ވެސް އިސްރާފު ކުރުމަށް އޮތް ދެމެހެއްޓެނިވި ހައްލެކެވެ.
އިސްރާފު ކުރުމަކީ ރަމަޟާން މަހުގެ ރޫހެއް ނޫނެވެ. އެހެނީ އެއީ އިސްރާފު ކުރުން ފަދަ ނޭދެވޭ އަމަލުތައް އެންމެ މަދު ކުރަންވީ މައްސަރެވެ. ރަމަޟާން މަހުގެ ބަރަކާތް އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް އިސްރާފު ކުރުމާ ދުރުހެލި ވާށެވެ.