ހިޔާފްލެޓްތަކަށް ކަރަންޓު ލިބެން އަދި ތިން ގަޑި އިރު ވާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ހިޔާ ގެ އެޗް 1 އިން އެޗް 8 އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ހަވީރު ވަނީ ކަރަންޓު ކެނޑިފަ އެވެ. ނަމަވެސް ބައެއް ޓަވަރުތަކަށް މިހާރު ވަނީ ކަރަންޓް ލިބިފަ އެވެ.

ސްޓެލްކޯ އިން ބުނީ ހިޔާގެ ބައެއް ޓަވަރުތަކަށް ކަރަންޓް ލިބެން އަދި ތިން ގަޑިއެއްހާއިރު ނަގާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއާގެ ބަސްބާ ޝޯޓުވުމާ ގުޅިގެން ކަމަށެވެ. ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސްޓެލްކޯގެ މުވައްޒަފުން ކުރަމުން ދާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަދި ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވި، ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސުވިޗްގިއާ ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. އަދި މި މަސައްކަތަށް ތިން ގަޑި އިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް އެކުންފުނިން ބުނެއެެވެ.

ސްޓެލްކޯއިން ދެންމެ ބުނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ އާރުއެމް އަށް ގުޅާފައިވާ ކޭބަލްތައް ނެއްޓުމުގެ މަސައްކަތް ކުރިއަށް މިހާރު ކުރިއަށްދާ ކަމަށެވެ. ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އާރުއެމްގައިވާ ޖުމްލަ ނުވަ ކޭބަލް ނެއްޓުމަށްފަހު އައު އާރުއެމް ޔުނިިޓާ ގުޅާލަންޖެހޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.