ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ޖުމުހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމަކީ ވަރަށް މުހިންމު ބޭފުޅެކެވެ. ގިނަ ޕާޓީތައް ބައިވެރިވެވޭ ގޮތަށް އެންމެ ފުރަތަމަ ބޭއްވި ރިޔާސީ އިންތިޚާބު 2008 ވަނަ އަހަރު ބޭއްވި ހިސާބުން ފެށިގެން މިއަދާ ހަމަޔަށް ވެސް ގާސިމްއަކީ ޖުމުހޫރީ ޕާޓީގެ ލީޑަރެވެ.
އެ ޕާޓީން ރާއްޖޭގެ ވެރިކަމަށް ކުރިމަތިލާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކޮންމެ ފަހަރަކު ވެސް ނެރެނީ ޕާޓީގެ ލީޑަރު ގާސިމެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް ބެލެވޭއިރު، އެމަނިކުފާނު ވެވަޑައިގެންފައި ވަނީ ސިޔާސީ މަސްރަހުގައި މިވަގު އެންމެންގެ ލޯ އެމަނިކުފާނާ ދިމާލަށް ހުއްޓިފައި ހުރި ބޭފުޅަކަށެވެ.
ސިޔާސީ ގޮތުން ރާއްޖޭގައި ނަގާ ކިޔާ ހުރިހާ ފަރާތްތަކަކުން ވެސް ގާސިމާއެކު ކޯލިޝަސް ހަދަން ނުވަތަ އެމަނިކުފާނުގެ އެއްބާރުލުމަށް ބޭނުންވާ ސަބަބަކީ އެމަނިކުފާނާ ނުލައި ރާއްޖޭގައި ރިޔާސީ އިންތިޚާބު ކާމިޔާބުނުކުރެވޭނެ ކަމަށް ބެލެވިފައި އޮންނަ އޮތުމެވެ.
މިލްކިއްޔާތުގައި 1 ބިލިއަން ރުފިޔާ އަށް ވުރެ ގިނައިން ހުރި ކަމަށް ބެލެވޭ ގާސިމަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ މުއްސަނދި އެކަކެވެ. ގާސިމް ވިޔަފާރީގެ ތެރެއަށް ވެދެވަޑައިގެންނެވީ ސަރުކާރުގެ ބޮޑު އިސްޓޯރު، މިހާރުގެ ގޮތުންން ނަމަ އެސްޓީއޯގެ ފިހާރައެއްގައި ދެއަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު އެވެ. ކާޑުގެ ބާވަތްތަކާއި ތެޔޮ ވިއްކުމުގެ ވިޔަފާރިއަށް އެމަނިކުފާނު ވެދެވަޑައިގެންނެވީ 1976 ވަނަ އަހަރު އެވެ. މާލޭގައި ގާސިމްގެ އާއިލީގެ ކަމަށް ބައްލަވާ މ. އެންދެރިމާގެ އިން ނިކުމެވަޑައިގެން ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމުގެ މަގާމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އިސްވެ ވަޑައިގެންނެވީ އޭގެ އެއް އަހަރު ފަހުންނެވެ. އެ ވެރިކަމުގައި ސަރުކާރުގެ ވިޔަފާރި ކޮންޓްރޯލް ކުރެއްވި އެންމެ ބާރު ގަދަ މިނިސްޓަރު ކަމަށްވާ އިލްޔާސް އިބްރާހީމަކީ ގާސިމްގެ ބޭބެއެއް ފަދަ ބޭފުޅެކެވެ.
2000 ޔޫއެސް ޑޮލަޜުގެ ލޯނަކުން ގާސިމް ފެޢްޓެވި ވިޔަފާރި ފުޅާވެ އެންމެ ބޮޑު މަހުޖަނަކަށް ވެގެން ދިޔައީ މައުމޫނުގެ ދިގު 30 އަހަރުގަ އެވެ. އެ ވެރިކަން ނިމެން ހިފާލި ވަގުތު މައުމޫނާއެކު ވެރިކަމުގެ ދިފާއުގައި ގާސިމް ނިކުމެ ވަޑައިގެންނެވި އެވެ. ރައީސް މައުމޫނުގެ ޕިނޭންސް މިނިސްޓަރުކަމާ 2005 ވަނަ އަހަރު ހަވާލު ވެވަޑައިގެންނެވި ގޮތަށް 2008 ވަނަ އަހަރާ ހަމަޔަށް އެމަގާމުގައި ދެމި ހުންނެވި އެވެ. އެ މުއަދަތުގައި އެމަނިކުފާނަކީ މައުމޫނު ޒައީމުކަން ކުރެއްވި ދިވެހި ރައްޔިތުނގެ ޕާޓީގެ ޑެޕިއުޓީ ލީޑަރެވެ.
2008 ވަނަ އަހަރު ޑީއާރުޕީ އިން އިސްތިއުފާ ދެއްވުމަށް ފަހު އަމިއްލަ ޕާޓީ ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުން އެމަނިކުފާނު އަންނަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަމުންނެވެ. އެންމެ ފަހުން ބައިވެރިވެ ވަޑައިގެންނެވި އިންތިޚާބު ކަމުގައިވާ 2013 ވަނަ އަހަރުގެ އިންތިޚާބުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 24 ޕަސެންޓު ވޯޓެވެ. ކޮންމެ އިންތިޚާބެއްގެ ވެސް ފުރަތަމަ ބުރުން ބަލިވި ކަމަށް ވިޔަސް ދެވަނަ ބުރުގައި އެމަނިކުފާނު ކޯލިޝަން ހައްދަވާ ޕާޓީއަކަށް ވެރިކަން ލިބެ އެވެ. ނަތީޖާއެއްގެ ގޮތުން އެމަނިކުފާނުގެ ޖުމުހޫރީ ޕާޓީގެ އެކި ބޭބޭފުޅުންނަށް ސިޔާސީ މަގާމުތައް ލިބި، ބައެއް ބޭފުޅުން އެރޮނގުން ކުރިޔަށް ވަޑައިގެންނެވުމަށްޓަކައި އެހެން ޕާޓިތަކާ ގުޅޭ ގޮތް ވެސް ވެ އެވެ.
2023ގެ އިންތިޚާބު ބޯމަތިވެފައި އޮތްއިރު މިވަގުތު ސިޔާސީ ދާއިރާގެ ހުރިހާ އެންމެންގެ ލޯތައް ވެސް އަމާޒުވެފައި ވަނީ ގާސިމް އިބްރާހިމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ދެތިން ފަހަރު މަތިން މަންދޫބުން ވަނީ ގާސިމާ ބައްދަލު ކުރައްވައިފަ އެވެ. ހަމަ އެފަދައިން އިދިކޮޅު ޕީޕީއެމާއި މައުމޫނުގެ އެމްއާރުއެމް ވެސް އެމަނިކުފާނާ ބައްދަލުކޮށް ވަނީ މަޝްވަރާތަކެއްކޮށްފަ އެވެ. މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންނެވި ކުރީގެ ރައީސް ނަޝީދު ވެސް ގެންދަވަނީ އެމަނިކުފާނަށް ތާއީދުކުރާ މީހުންނާއެކު ގާސިމާ އެކުގައި މަސައްކަތް ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަމުންނެވެ.
ސިޔާސީ ހުރިހާ ލީޑަރުން ގާސިމްގެ ފަހަތްޕުޅުން "މުގޯލި އެޅުމަކީ" އާ ކަމެއް ނޫނެވެ. އެއީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު އަބަދު ވެސް އަންނަ ހިނދުކޮޅެކެވެ. މިފަހަރާ ޚިލާފަށް ކުރިން އެ ހިނދުކޮޅު އަންނަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމަށްޓަކަ އެވެ.
މިފަހަރު އޭގެ ކުރިން ގާސިމް މުހިންމުވީ ދެވަނަ ބުރަކަށް ނުގޮސް އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ރައީސް ސޯލިހު ގެންގުޅުއްވާ ފޯމިއުލާއެއްގެ ސަބަބުން ފުރަތަމަ ބުރުގައި ކޯލިޝަން ހަދަން ބޭނުންވުމެވެ. އެހެން ނަމަވެސް، މުދަލާއި އާރާއި ބާރުގެ ގޮތުން ރާއްޖޭގައި ދެވަނައެއް ނެތް ފަދަ ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވައި އެހެން ބޭފުޅެއްގެ ފަހަތްޕުޅަށް ފުރަތަމަ ބުރުގައިއަރައި ވަޑައިގަންނަވާނެ ކަމަކަށް ނުފެނެ އެވެ. އެ މަނިކުފާނުގެ އެޑްވައިޒަރުންގެ ޓީމާއެކު ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރެއްވުމަށް ގެންދަވަނީ ތައްޔާރުވަމުންނެވެ. ބަޔަކު ކިތަންމެ ވަރަކަށް މަސައްކަތް ކުރި ކަމަށް ވިޔަސް ފުރަތަމަ ބުރުގައި އެމަނިކުފާނު ރައީސް ކަމަށް ކުރިމަތިލެއްވުން ދޫކޮށްލައްވާނެ ކަމަކަށް ނުފެނެ އެވެ.