ރޯދަ މަހަކީ ދުވާލުގެ ވަގުތު ތަކުގައި ނުކައި ތިބޭ މަހެއް ނަމަވެސް މަސް ނިމޭއިރު ގިނަ ބައެއްގެ ޝަކުވާ އަކަށްވަނީ ބަރުދަން އިތުުރު ވުމެވެ. އެހެން ކަމުން ރޯދަ މަސް ވެފައިވަނީ ނުކައި ތިބެ ވެސް ބަރުދަން އިތުރުވާ މަހަކަށެވެ. ސަބަބުތައް ވެސް ގިނަ އެވެ.
ފޮނިކާތަކެތި މާ ގިނައިން ކެއުން
ރޯދަ ސުފުރާގައި ފޮނި ބާވަތެއް ނުހިމެނުމަކީ ގިނަ ބަޔަކަށް ސުފުރާ ފުރިހަމަ ނުވާ ކަމެކެވެ. މިފަދަ ތަކެއްޗަކީ އޭގެ ޒާތުގައި ހަކުރު ވަރަށް ގިނަ އެއްޗިއްސެވެ. އެހެން ކަމުން މިފަދަ ބާވަތްތައް ކޮންމެދުވަހެއްގެ ކެއުމުގައި ހިމަނާނަމަ ހަށިގަނޑުގެ ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑެވެ.
ތެލުގެ ބާވަތްތައް މާ ގިނައިން ކެއުން
ރޯދަ ވީއްލަން ގިނަ ބަޔަކު ޚިޔާރު ކުރަނީ ހެދިކާގެ ބާވަތްތަކެވެ. އެހެން ނަމަވެސް މިއީ ސިއްހީ ގޮތުން ބަލާއިރު އެހާ ރަނގަޅު ކަމެއް ނޫނެވެ. ތެޔޮ ގިނައިން ބޭނުން ކުރުމަކީ ހަށިގަނޑުގައި ސަރުބީގެ މިންވަރު އިތުރުވެ ބަރުދަން އިތުރުވާ ކަމެކެވެ.
އެއްފަހަރާ މާ ގިނައިން ކެއުން
ދުވާލު ނުކައި ހުރުމަށްފަހު ރޯދަ ވީއްލާ ގަޑިއަކީ ގިނަ މީހުން އެއްފަހަރާ ވަރަށް ގިނައިން ކާ ގަޑިއެކެވެ. ސުފުރާ މައްޗަށް ނަގާފައި ހުންނަ ގިނަ ބާވަތްތައް ރަހަ ބަލާ ނިމޭއިރު ވެސް ހުންނަނީ ކާންވާ ވަރަށްވުރެ ގިނައިން ކެވިފަ އެވެ. މިގޮތަށް އެއްފަހަރާ މާ ގިނައިން ކެއުމަކީ ހަޖަމު ކުރުން ލަސްވެ ބަރުދަން އިތުރުވާން މެދުވެރިވާ ކަމެކެވެ.