ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ވަކީން ކެމްޕެއިން ފެށުމަށް ތައްޔާރުވެ، އެ މަސައްކަތްތައް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމްއާ ހަވާލު ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އެ ޕާޓީގެ ކައުންސިލް މެންބަރުންގެ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ކެމްޕޭން ރޭވުމާ ގުޅުން ހުރި މަސައްކަތްތައް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީންއާ ހަވާލު ކުރައްވާފައިވާ ކަމަށެވެ. އަދި ގާސިމް ވަނީ ޖޭޕީގެ ހުރިހާ ބޭފުޅުންވެސް އަމީންއަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ހުރިހާ ބޭފުޅުންގެވެސް މުހިންމު ދައުރެއް ކެމްޕެއިންގައި އޮތް ކަމަށް ގާސިމް ވިދޅާުވި އެވެ.
"އަދި ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް މި ކެމްޕެއިންގައި މުހިންމު ދައުރެއް އޮތް ވާހަކަ ދަންނަވަން،" ގާސިމްގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ހުރިހާ ބޭފުޅުންގެ ވެސް އެއްބާރުލެއްވުމާ އެކު ކަމަށެވެ.
ޖޭޕީގެ ކެމްޕެއިން ހަރަކާތްތައް ހިންގެވުމަށް އަމީންއާ ހަވާލު ކުރެއްވިއިރު ޖޭޕީން ރިޔާސީ އިންތިހާބުގައި ކުރިއަށް ދިއުމަށް ޕާޓީތަކާއެކު މަޝްވަރާ ކުރެއްވުމުގައި ވެސް އިސްކޮށް އުޅުއްވަނީ އަމީން އެވެ.
ޖޭޕީން ވަކީން ކެމްޕެއިން ފެށުމަށް ތައްޔާރުވަމުންދާއިރު ޖޭޕީން ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނާ މިދިޔަ ބުދަ ދުވަހުގެ ރޭ ބައްދަލުވުމަށްފަހު ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީ ގުޅިގެން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެމަނިކުފާނާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު ގާސިމަށް ދެއްވާފަ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ނިންމީ އެ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނަކާއެކު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށެވެ.