ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް ރޭ ހަމަޖެއްސި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ އެވެ.

ޖޭޕީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރުގެ މަގާމަށް 4 ބޭފުޅަކު ރޭ ވަނީ އައްޔަންކޮށްފައި އެވެ. އޭގެ ތެރޭގައި ހަނަފީވެސް ހިމެނިވަޑައިގަންނަވަ އެވެ. އެހެން ނަމަވެސް އޭނަ އަށް އެމަގާމު ދެއްވިތާ އެއް ދުވަސް ވެސް ނުވަނީ އެ މަގާމު އޭނާ ގަބޫލުނުކުރައްވާ މިއަދު ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތްކަން އަންގާ ސިޓީއެއް ފޮނުވާފަ އެވެ.

ހަނަފީގެ ހިތްހަމަނުޖެހުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ރައީސް ސޯލިހުއަށް ތާއީދުނުކޮށް ވަކީން ވާދަކުރަން ނިންމުމެވެ.

ޕާޓީން އިސްތިއުފާ ދެއްވާ ހަނަފީ ފޮނުއްވި ސިޓީގައި ބުނެފައި ވަނީ ޖުމްހޫރީ ޕާޓީގެ ވިސްނުން މިވަގުތު ހުރި ގޮތުން އެއީ ދިވެހި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ގަބޫލު ނުކުރެވޭތީ މިއަދުން ފެށިގެން ޕާޓީން ވަކިވުމަށް ނިންމާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހޭދަ ކުރި ދުވަސްތަކަކީ ޕާޓީއަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެވުނު ދުވަސްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ހަނަފީ ވިދާޅުވި އެވެ. އަދި ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކުގައި ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން ގާސިމް ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ވެސް ހަނަފީގެ ސިޓީގައިވެ އެވެ.

ހަނަފީ ޕާޓީ އިން ވަކިވި އިރު އޭނާ ދެން ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ކަމަށް އެނގިފައިވެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހަނަފީ ހުންނަވަނީ ޖޭޕީ އަށް މިސަރުކަރުން ކޯލިޝަނުން ލިބުނު ސްލޮޓެއްގަ އެވެ.

ޖޭޕީން ރިޔާސީ އިންތިހާބުގައި ވަކީން ވާދަ ކުރާން ނިންމުމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރު ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރީން ޕާޓީން ވަކުވެވަޑައިގެންފައި އެވެ.

ސަމީރު ޖޭޕީ އިން ވަކިވެފައިވަނީ ޖޭޕީން އިންތިހާބުގައި ވަކީން ވާދަ ކުރަން އެޕާޓީގެ ކައުންސިލުން ނިންމުމައި ގުޅިގެން ހަމަ އެވަގުތު ކައުންސިލު ބައްދަލުވުން ތެރެއިންނެވެ.