ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑް ހުއްޓުވާ އަދި މޮޓޯކޭޑް އަނބުރާ އައިކޮޅަށް ދާން ޖެހުމަކީ ސަލާމަތީ ބާރުތައް ފެއިލްވެފައިވާ ހެއްކެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރައީސް ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑް ދިއުމަށް ހުރަސްއަޅާ ހިފެހެއްޓީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރޭ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެން ރައީސްގެ ގެކޮޅަށް ވަޑައިގެންނެވި މަގުމަތީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
މުޒާހަރާކުރާ މީހުން ތިބި ސަރަހައްދުން ރައީސްގެ މޮޓޯކޭޑަށް ދެވޭ ގޮތް ނުވުމުން އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ)ގެ އޮފިސަރުން ވަނީ ރައީސްގެ މޮޓޯކޭޑު އަނބުރާ އައިކޮޅަށް ފޮނުވާލައިފަ އެވެ.
އެ މައްސަލަ މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅާފައި އެވެ.
އެމައްސަލައާއި ގުޅިގެން މިއަދު 241 ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވިދާޅުވީ ރައީސްގެ ސެކިއުރިޓީ ބްރީޗްކޮށް ރައީސް އިންނެވި ކާރުކޮޅާ ހަމަޔަށް ބަޔަކަށް ދެވުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.
241 ކޮމެޓީގެ ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫންގެ ބޮޑީގާޑަކަށް އުޅުއްވި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު ވިދާޅުވީ އެއީ ސަލާމަތީ ހިދުމަތްތަކުގެ ބޮޑު ފެއިލްއެއް ކަމަށެވެ. ރައީސް ދަތުރުކުރައްވާ މަގުތަކަކީ ސެކުއާ އަދި ކްލިއާ މަގުތަކެއްތޯ ކުރީން ބަލަން ޖެހޭނެ ކަމަށެވެ.
ގަފޫރު ވިދާޅުވީ ރައީސްގެ މޮޓޯކޭޑް ކުރިމައްޗަށް އަރައި މޮޓޯކޭޑެއް ނުހުއްޓުވޭނެ ކަމަށެވެ. އަދި ގަސްތުގައި ރައީސްގެ މޮޓޯކޭޑް ބަޔަކު ހުއްޓުވައިފި ނަމަ އެބައެއްގެ މައްސަލަ ބެލެން ޖެހޭނެ ކަމަށެވެ.
ހުޅުދޫ ދާއިރާގެ މެމްބަްރު އިލްޔާސް ލަބީބު ވިދާޅުވީ މިއީ ސަލާމަތީ ބާރުތަކުގެ ފެއިލްވުމެއް ކަމަށެވެ. 2021 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު މަޖިލީހުގެ 241 ކޮމިޓީން ބެލިއިރު ފެނުނީ އެމްއެންޑީއެފްގެ ޒިންމާ އަދާނުކުރެވި އޮތް ތަން ކަމަށެވެ.
ރައީސްގެ މޮޓޯކޭޑް ދަތުރު ކުރައްވާ މަގުތަކުގެ ސެކިއުރިޓީ އާއި މޫވްމަންޓު ނުބެލެހެއްޓި އޮތުމަކީ އެމްއެންޑީއެފްގެ ޒިންމާއެއް ކަމަށެވެ.
ކުރީގެ ޑީފެންސް މިނިސްޓަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މުޒާހަރާ ނިމިފައި އޮތް މަގެއްގައި އަދި އެހާ އާދައިގެ ގޮތަކަށް އޮތްއިރު ރައީސް ދަތުރުކުރެއްވި މޮޓޯކޭޑް އައިކޮޅަށް އަނބުރާލާފައި ދިއުމަކީ ނުބައި އިންޑިކޭޝަނެއް ކަމަށާއި މިފަދަ ހާލަތަކަށް ސަލާމަތީބާރުތަކުން ތައްޔާރުވެފައި އޮތީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދޭ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުން މިހިންގާ ކަންކަމާމެދު ސުވާލުއުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ރޭ ރައީސް އަށް މިދިމާވީ ކަންބޮޑުވާން ޖެހޭ ވަރުގެ ނުރައްކާތެރިކަމެއް ކަމަށެވެ.
ރައީސްގެ މޮޓޯކޭޑް މަގުމަތިން ހުއްޓުވާ ކުރިއަށް ދިއުމަށް ހުރަސްއެޅުމުން ބަޔަކު ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ޕީޕީއެމްގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ރޭ ހައްޔަރު ކުރިއެވެ. އެހެންނަމަވެސް އޭނާ ވަނީ ފަހުން ދޫކޮށްލާފައި އެވެ.