އިންތިހާބުތަކުގައި ވޯޓްލުމަށް ޑިޖިޓަލް އައިޑީ ކާޑު ބޭނުން ނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.
ޑިޖިޓަލް އައިޑެންޓިޓީ ކާޑު ރާއްޖޭގައި ތައާރަފްކުރުމަށް މަސައްކަތްކުރަމުންދާއިރު ގާނޫނުގައި ބުނާގޮތުން އެއްވެސް އިންތިހާބެއްގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ކުރުމަށް ޖާގައެއް ނުލިބޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ޑިޖިޓަލް އައިޑީކާޑު ބޭނުން ކުރެވޭނީ ފޯނުން ކަމަށްވާއިރު، އިންތިހާބީ މަރުކަޒަށް ފޯނު ވެއްދުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ގާނޫނުގައި މިހާރު އޮތް ގޮތުން ވޯޓުލާ މަރުކަޒަށް ވެއްދޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ތަކެތި ފިޔަވައި އިތުރު އެއްޗެއް ވެއްދުމަށް އެއްވެސް އިންތިހާބެއްގައި ޖާގަ ނުދޭނެކަމަށް ހަބީބު ވިދާޅުވި އެވެ. ނަމަވެސް ޑިޖިޓަލް އައިޑީކާޑާއިއެކު ރީރަޖިސްޓްރީ ކުރުމުގައި އާންމު ރައްޔިތުންނަށް ލުއިގޮތްތަކެއް ފަހިވެގެންދާނެތީ އެހާލަތުގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
މިފަހަރުގެ އިންތިހާބުގެ މައި މަރުކަޒަކަށް ހަމަޖައްސާފައި ވަނީ ދަރުބާރުގޭގަ އެވެ. މިމަހުގެ ފަހުކޮޅު ދަރުބާރުގެ ހުސްކޮށް އިލެކްޝަނާއި ހަވާލުކުރާއިރު ކޮމިޝަންގެ މަސައްކަތް ދަރުބާރުގޭގައި ރަސްމީކޮށް ފަށާނީ ރޯދަމަސް ނިންމުމަށް ފަހުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.