ޕްރިންސިޕަލުންގެ މަސްއޫލިއްޔަތަކީ ޒިންމާދާރު، ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޕްރިންސިޕަލުން ތަމްރީނުކުރުމަށް ކުރިޔަށްގެންދިޔަ ސްކޮލަޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވި 17 ބައިވެރިންނަށް އެ ބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތުގެ ލިއުން ހަވާލުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭ ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޕްރިންސިޕަލުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.
މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ ބޭފުޅުންނާ މަތިކުރެވުނު ޒިންމާ އަކީ ގޮންޖެހުން ބޮޑު ޒިންމާދާރު މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް ޒިންމާދާރުކަމާ އެކު އެ ޒިންމާ ރަނގަޅަށް އަދާ ކުރެވިއްޖެ ނަމަ އޭގެ ހިތްހަމަ ޖެހުން މާބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން މުޖުތަމައުގެ އެހެން ފަރާތްތަކަށް ފަސޭހަކަމާ އެކު ބައްދަލުކުރެވި ވާހަކަ ދެކެވޭ ބަޔަކަށް ޕްރިންސިޕަލުން ވާން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޕްރިންސިޕަލުންނަށް ހިންގި މި ސްކޮލަޝިޕް ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމުގެ މަޤްޞަދުގައި 2022 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ މަލާޔާ ޔުނިވަސިޓީގައި ކުރިޔަށްގެންދިޔަ "މާސްޓަސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް" ކޯސް ފުރިހަމަކޮށް މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 17 ފަރާތަކުން ވަނީ ސެޓްފިކެޓް ހާސިލުކޮށްފަ އެވެ.
ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހިނގާ ސްކޮލަޝިޕް ޕްރޮގްރާމަކީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ސްކޮލަޝިޕް ޕްރޮގްރާމުގެ ދެ ވަނަ ބުރު މި އަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު މުޅި މި ޕްރޮގްރާމް ނިމޭއިރު ސަރުކާރުން ހިންގާ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ތިބޭނެ އެވެ.