ބެންކް އޮފް މޯލްޑިވްސް އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުރިހާ ކިއުއާރް ޕޭމަންޓްތަކަށްވެސް ވަން ޓައިމް ޕާސްވޯޑްސް/ އޯޓީޕީސް ބޭނުންކުރަންޖެހޭ ގޮތަށް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.
ބޭންކުން ބުނީ އެޕް އަޕްޑޭޓްކުރުމާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް އިން ކަސްޓަމަރުންކުރާ ކޮންމެ އަދަދެއްގެ "ސްކޭން ޓު ޕޭ" ޓްރާންސެކްޝަންތަކަށް އޯތެންޓިކޭޓަރ، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭ އޯޓީޕީ ޖަހަންޖެހޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އާންމުކޮށް ހިނގަމުން އަންނަ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރި ކުރުމަށް ބޭންކުން އަންނަނީ ގިނަގުނަ މުހިންމު ފިޔަވަޅުތަކެއް އަޅަމުން ކަމަށާއި މިގޮތުން 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި، ބޭންކުގެ އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ އޯޓީޕީ އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައި ވާކަމަށްވެސް ބޭންކުން ބުނެ އެވެ. މިއީ އީމެއިލް ކޮންޕްރަމައިޒްވެފައިވާ ހާލަތްތަކުގައިވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމުގެ ގޮތުން އެޅުނު ފިޔަވަޅެއެ ކަމަށްވެސް ބީއެމްއެލް އިން ހާމަކުރެ އެވެ.
ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި ބީއެމްއެލުން ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބީއެމްއެލް އިން ވެބްސައިޓް ލިންކް ހިމެނޭހެން އެސްއެމްއެސް އެއް ނުކުރާނެކަމަށާއި އެސްއެމްއެސް އައުމުން އެއީ ބީއެމްއެލް އިން ފޮނުވި އެސްއެމްއެސް އެއް ކަމުގައި ހީވިނަމަވެސް އެއްވެސް ލިންކަކަށް ނުފިތުމަށާއި އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށް އެދިފައިވެ އެވެ.
ބީއެމްއެލް ނުވަތަ އިތުބާރު ކުރެވޭ އެހެނިހެން ފަރާތްތަކުގެ ނަން 'ސްޕޫފް' ކޮށް ( ބީއެމްއެލް ނުވަތަ އެހެން އިދާރާއެއްގެ ނަން އޮންނަ ގޮތަށް ބޭނުންކުރުން) އެސްއެމްއެސް އަދި ފޯނު ކޯލުކުރެވޭކަން ވެސް ކަސްޓަމަރުން ސަމާލުވުމަށް އެދިފައިވެ އެވެ.
-އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް އަންނަ ޝައްކުކުރެވޭ މެސެޖް، ޕޮޕް އަޕް ވިންޑޯސް، ލިންކް އަދި އެޓޭޗްމަންޓް ނުހުޅުވާށެވެ.