ނާކާމިޔާބު ވުމަކީ އިރުކޮޅުކޮޅާ ގޮތް ބަދަލުކުރަން ޖެހޭ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގަ އެވެ. އޭނާ މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އާދާލަތު ޕާޓީން އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ނިންމާފައިވުމުން ސިޔާސީ ގިނަ ބަޔަކު ދަނީ އަދާލަތަށާއި މިނިސްޓަރު އިމްރަނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުވެސް ހިމެނިވަޑައިގަންނަވައެވެ.
އިމްރަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މަސައްކަތުގައި އިހުލާސްތެރި ހިތަކާއިގެން އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމި ހުރެގެން މެނުވީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެކަން ވަރަށް ސާފުކޮށް ފެންނަމުން ދާ ކަމަށެވެ.
އަދި ނާކާމިޔާބު ވުމަކީ އިރުކޮޅުކޮޅާ ގޮތް ބަދަލުކުރަން ޖެހޭ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރަން މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝިދު އަށް އެމްޑީޕީގެ ޕްރައިމަރީ ނާކާމިޔާބުވުމުން އެމްޑީޕީ ތެރެއިން ވަކި ފެކްޝަނެއް އުފައްދަވައި އަންނަނީ މަސައްކަތް ކުރަމުން ނެވެ. އަދި އެހެން ޕާޓީ ތަކާ އެކު ކޯލިޝަން ހެދުމުގެ ވާހަކަތައް ރައީސް ނަޝީދު ވަރަށް ގިނައިން ދައްކަވަ އެވެ.
މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ އެހެން ޕާޓީއެއްގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާއަކު ހުންނަވައި އެމްޑީޕީގެ ލަފަޔާއި މަޝްވަރާ ދެވޭނެ ސަރުކާރެއް އޮތުން ކިހިނެތްވާނެތޯ ސުވާލު އުފައްދަވާފަ އެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް މިހާތަނަށް ނިންމާފައި ވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭއެވެ. ކޯލިޝަން ހެދުމާމެދު ޖުމްހޫރީ ޕާޓީން އަދި ވަކިގޮތެއް ނުނިންމަ އެވެ.