ނިއު ދިއްލީ (ފެބްރުއަރީ 28) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޗީފް މިނިސްޓަރުގެ މަގާމަށް އާމް އާދުމީ ޕާޓީގެ ލީޑަރު ކަރްވިންދު ކެޖްރިވާލް ވަޑައިގެންނެވީ ކޮރަޕްޝަން ނައްތާލާނެކަމުގެ ބޮޑު ވަައުދަކާ އެކު އެވެ. އެންމެ އާދައިގެ މީހާގެ ޕާޓީގެ ނަމުގައި އޭއޭޕީ މީގެ 10 އަހަރު ކުރިން އުފައްދައި އެ ޕާޓީން ކުރި ކެމްޕޭން އެތައް ބަޔަކު ބަލައިގަނެ ޕާޓީ ދިއްލީގެ ވެރިކަމަށް ގެނަ އެވެ.
އެހެން ނަމަވެސް ކޮރަޕްޝަން ނައްތާލާނެކަމުގެ ވައުދާ އެކު ދިއްލީގެ ވެރިކަމަށް އައި ޕާޓީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މަނިޝް ސިސޮޑިއާ މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރީ ކޮރަޕްޝަނުގެ ތުހުމަތުގަ އެވެ. އެ ތުހުމަތަށް ސިސޮޑިއާ އާއި އޭއޭޕީން ދޮގު ކުރެ އެވެ. އަދި އެއީ ސިޔާސީ މުޑުދާރު އަމަލެއް ކަމަށް އެ ޕާޓީން ބުނެ އެވެ.
ސިސޮޑިއާގެ ބަންދަށް ފަސް ދުވަސް ކޯޓުން އިއްޔެ ވަނީ ޖަހައިފަ އެވެ.
އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބުނީ ސިސޮޑިއާ ހައްޔަރުކުރީ ދިއްލީގައި ބަނގުރަލާ ގުޅޭ ސިޔާސަތާ ގުޅިގެން އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކޮށްގެން ކަމަށެވެ. އަލަށް އެކުލަވާލި ސިޔާސަތުގެ ދަށުން ރާ ވިއްކާ ފިހާރަތަކެއް ދިއްލީގައި ވަނީ ހުޅުވައިފަ އެވެ.
ސިސޮޑިއާއާ ހަތްގަޑިއިރަށް ސީބީއައި އިން ސުވާލު ކުރުމަށް ފަހު އޭނާ ބަންދުކުރުމުގެ ކުރިން ވަނީ އާއިލާ ބެލެހެއްޓުމަށް ޕާޓީގެ މެންބަރުންގެ ކިބައިން އެދިފަ އެވެ. ސިސޮޑިއާ އަށް ރައްދު ދެއްވަމުން ކެޖްރިވާލް ވަނީ ދެރަނުވުމަށާއި އާއިލާ ބަލަހައްޓައިދޭނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.
ސިސޮޑިއާ ހައްޔަރުކުރުމާ ގުޅިގެން އޭއޭޕީގެ މެންބަރުން ވަނީ ދިއްލީގައި އިހުތިޖާޖްކޮށްފަ އެވެ.
އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި ދިއްލީގެ ވެެރިކަމުގައި އޮތް އޭއޭޕީއާ ވަރަށް ގިނަ ކަންކަމުގައި ޚިޔާލު ތަފާތެވެ.
ދިއްލީގެ ހެލްތު މިނިސްޓަރު ސަތިޔަންދުރަ ޖައިން ވެސް މިދިޔަ އަހަރު ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އޭނާ އަދިވެސް ހުރީ ޖަލުގަ އެވެ.