ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީގެ ހަތަރު ވަނަ ކޮންގްރެސްގައި ބައިވެރިވެވަޑައި ނުގަތީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.
ދަރުބަރު އިއްޔެ ގޭގައި ފެށި ޖޭޕީގެ ހަތަރު ވަނަ ކޮންގްރެސްގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި ޕާޓީގެ ގިނަ މެމްބަރުން ބައިވެރިވި އެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފައިސަލް ފެނިވަޑައެއްނުގަންނަވަ އެވެ.
ޖޭޕީގެ އިސް ބޭފުޅަކު "ހުރިހާ" އަށް މިއަދު ވިދާޅުވީ ނައިބު ރައީސް ފައިސަލް ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތަށް ވަޑައިނުގަތީ އާލާސް ކަންފުޅާ އުޅުއްވާތީ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ފައިސަލް އަށް އެ ޕާޓީން ސިޓީއެއް ވެސް ފޮނުއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެ ފެށި ޖޭޕީގެ ކޮންގްރެސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބޭރު ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ތިބޭ ސަފީރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖޭޕީގެ ކޮންގްރެސްއަށް ފައިސަލް ވަޑައިނުގަތް ނަމަވެސް އިއްޔެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ފުޑް އެންޑް ބެވަރޭޖަސް ފެއާ އަށް ނައިބު ރައީސް ވަޑައިގެންނެވި އެވެ.
ގާސިމް ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވި ފައިސަލް ނައިބު ރައީސްގެ މަގާމަށް ހޮވިވަޑައިގަތީ މިހާރުގެ ކޯލިޝަން ސަރުކާރުގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ސްލޮޓުގަ އެވެ.
ރިޔާސީ އިންތިހާބު ތެރޭގައި ފައިސަލް ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ވަރަށް ގިނައިން ފެނިވަޑައިގަތް ނަމަވެސް ރިޔާސީ އިންތިހާބަށް ފަހު ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ނުފެނެ އެވެ.
ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިހާބަށް ފަހު ފައިސަލް ނައިބު ރައީސްގެ ހުވާ ކުރެއްވުމަށް ފަހު ޕާޓީގެ ކަންކަމުގައި އުޅުއްވާލެއް މަދު ކަމަށެވެ. އަދި ޕާޓީއާ އެހާ ގާތް ގުޅުމެއް ނުބާއްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފައިސަލްގެ ނަން ވިދާޅުނުވެ، ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހުމަދު ވަނީ ޖުމްހޫރީ ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް އުޅުއްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގަތުމަށް ދާދި ފަހުން ގޮވާލައިފަ އެވެ.
އިލްހާމް އެހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފައިސަލް ހުންނަވާނީ ރައީސް ސޯލިހު އާއެކު ކަމަށް ވިދާޅުވުމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުއަށް ތާއިދު ކޮށްދެއްވުމަށް އެމަނިކުފާނު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ދައުވަތު ދެއްވި ނަމަވެސް ޖުމްހޫރީ ޕާޓީ އިން އެކަމާ ގުޅެގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.
އެކަމާ ގުޅެގޮތުން މަޝްވަރާކުރުން މިހާރު ކުރިއަށްދާ ޖޭޕީގެ ކޮންގްރެސްގައި އޮންނާނެ އެވެ. އަދި އެކަމާ މެދު ގޮތެއް ނިންމާނީ ކޮންގްރެސް އިން ހޮވާ އެޕާޓީގެ މިދައުރުގެ ކައުންސިލުންނެވެ.