މާލޭގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކާ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ ކައުންސިލްގެ މައި އިދާރާގަ އެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކުން އެ ފަރާތްތަކަށް ދިމާވާ ދަތި ކަންތައްތައް މޭޔަރުއަށް ހުށަހެޅި އެވެ. އެންމެ މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރީ ދާދިފަހުން އެތަނުގައި އަލިފާން ރޯވުމުގެ ސަބަބުން މިވަގުތު މަސައްކަތްކުރާނެ ތަނެއް ނެތި ގެއްލުންވަމުންދާތީ ނީލަން މުދާ ވިއްކާނެ ތަނެއް ހަމަޖައްސަވައިދެއްވުމަށެވެ. މީގެއިތުރުން ނީލަން މުދާވިއްކާނެ ތަނެއް ތަރައްޤީކުރާނަމަ އެތަނުގައި ހުންނަންޖެހޭ ބައެއް ކަންކަމުގެ މަޝްވަރާއާއި ހިޔާލުތައް ހިއްސާކުރި ކަމަށް އެ ކައުންސިލުން ބުނެ އެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ ނީލަން މުދާ ވިއްކަން ހާއްސަ ތަނެއް ހުންނަން ޖެހޭ ކަމަށެވެ. އަދި އެކަމަށް އެންމެ އެކަށީގެންވާ ތަނަކީ އިންޑަސްޓްރިއަލް ވިލެޖްކަމުގައި ކައުންސިލަށް ގަބޫލުކުރެވޭތީ އާއި އެތަނަކީ އެފަދަ ބޭނުންތަކަށް ހިއްކާފައިވާ ތަނަކަށްވާތީ އެތަނުން ބިން ހަމަޖެއްސުމަށް ސަރުކާރުގައި ދަންނަވާފައިވާ ކަމަށެވެ. މިގޮތަށް ދެންނެވުމުން އެކަމަކީ ކައުންސިލުން ކުރަންޖެހޭކަމެއް ކަމަށް ޖަވާބުދެއްވާފައިވާ ކަމަށެވެ.
އެހެންނަމަވެސް އެކަން ނުކުރެވިދަނީ އިންޑަސްޓްރިއަލް ވިލެޖް ބަލަހައްޓަނީ ކައުންސިލުން ނޫން ކަމަށްވެފައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުންކަ މަށްވެފައި އެ މުވައްސަސާއިން އެކަމަށް ހުއްދަދީފައިނުވާތީ ކަމަށެވެ.
ހަތަރު ވަނަ ދައުރުގެ ކައުންސިލް ހުވާކުރީއްސުރެ މިކަމަށް މަސައްކަތްކުރިކަމުގައިވިއަސް މިހާތަނަށް އަލިމަގެއް ފެނިފައިނުވާކަމަށެވެ. އެހެން ނަމަވެސް ނީލަން މުދާ ވިއްކާ ފަރާތްތަކުގެ އަޑުއައްސަވައި ހައްލެއް ގެނެސްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ނީލަން މުދާ ވިއްކަމުން އައި ސަރަޙައްދުގައި ދާދިފަހުން ރޯވެ އަނދައި ހުލިވުމާގުޅިގެން މިވަގުތު ނީލަން މުދާ ވިއްކާނެތަނެއް އަދި ހަމަޖެހިފައިނުވެ އެވެ.