ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ސަރުކާރަށް ނެގުމުގެ ނިޒާމު އޮތްގޮތް ބެލުމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެދި ދިރާސާ ރިޕޯޓު އާންމުކޮށްފި އެވެ.
އޭސީސީ އިން ހެދި ރިޕޯޓު އާންމު ކުރީ ރޭ އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގައި ބޭއްވި ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސް މަރިޔަމް މުނާ އެވެ.
އޭސީސީ އިން އިސްނަގައިގެން ހެދި މި ދިރާސާގައި ވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ ގާނޫނީ ނިޒާމު ރާއްޖޭގައި އޮންނަ ގޮތް ދެނެގަތުމަށް، ކަމާގުޅުންހުރި ގާނޫނީ ލިޔެކިޔުން ދިރާސާކޮށްފަ އެވެ.
މި ދިރާސާގައި ބޭނުންކޮށްފައި ވަނީ ޑޮކްޓްރިނަލް ލީގަލް ރިސާޗް މެތަޑު ކަމަށް އޭސީސީ އިން ބުނެ އެވެ. އަދި މި ދިރާސާގެ ބޭނުމަކީ ކުށްކުރުމުގެ ސަބަބުން ދައުލަތުން ގެއްލިގެންދާ މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން ކަމަށެވެ.
އެ ނިޒާމުގެ އިންސްޓިޓިއުޝަނަލް ފްރޭމްވޯކް ނުވަތަ އިދާރީ އޮނިގަނޑާއި ގާނޫނީ އޮނިގަނޑު ނުވަތަ ލީގަލް ފްރޭމްވޯކް އޮތްގޮތް ދިރާސާކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުނެ އެވެ.
މީގެ އިތުރުން އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ ކޮރަޕްޝަނުގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނީ، ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ގާނޫނަކުން ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ ކަމުގަ އެވެ.
އެހެންވެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަދި އެ ފައިސާ ބޭނުންކޮށްގެން ހޯދާ މުއްސަނދިކަން ދައުލަތަށް އަނބުރާ ނެގޭނެ ހާއްސަ ގާނޫނެއް ވުޖޫދުކުރަން ލަފާދީފައިވެ އެވެ.
އެމްއެމްޕީއާރުސީީ މެދުވެރިކޮށް ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތައް ތަހުގީގު ކުރަމުން އަންނަ އިރު އޭސީސީން ވަނީ އެފަދަ މައްސަލަތަކުގައި ހިމެނޭ މުދާ ނެގޭނެ ނިޒާމް އޮތް ގޮތުގެ ދިރާސާކޮށްފަ އެވެ.
އޭސީސީން ރޭ އާއްމުކޮށްފައިވާ އެ ދިރާސާގައިވާ ގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަކީ ކުރިމަތިވެފައި އޮތް ގޮންޖެހުމެކެވެ. ހިޔާނާތުގެ މުދަލާއި ފައިސާ ދައުލަތަށް މިހާރު ނެގޭ ގޮތަށް އޮތީ ކޮރަޕްޝަނުގެ ކުށަކާއި މަނީ ލޯންޑްރިންގެ ކުށާ ގުޅޭ ހާލަތުގައި އެކަންޏެވެ. މަނީ ލޯންޑްރިންގެ ކުށަކާ ގުޅުމެއް ނެތި ހަމައެކަނި ކޮރަޕްޝަންގެ ކުށް ކުރާ ހާލަތުގައި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތެއް ގާނޫނުގައި ބަޔާންވެފައެއް ނުވެ އެވެ.