ޖުޑީޝަލް ސާވިސް ކޮމިޝަން (ޖީއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުުރުމަަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމާ ބެހޭ ބިލު ހިމެނޭ ގޮތަށް 23 ބިލެއް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށް ގަސްދު ކުރާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
އޭޖީ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ފޮނުވަން ގަސްދުކުރާ ބިލުތައް ހާމަކޮށްފަ އެވެ. އެ ބިލްތަކުގެ ލިސްޓް މިއަދު އެ އޮފީހުން ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.
އެ ބިލްތަކުގެ ތެރޭގައި ގާނޫނު އަސާސީއަށާއި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލް ހިމެނެ އެވެ. ގާނޫނު އަސާސީއަށް ގެންނަ އިސްލާހަކީ ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރުމުގެ އިސްލާހެވެ. އަދި ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެންނަނީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހާ ގުޅިގެން އެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށެވެ.
ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެޖީ އިބްރާހީމް ރިފްއަތު މީގެކުރިން ވިދާޅުވެފައި ވަނީ އެކަން ކުރަން ހަމަޖެހިފައި ވަނީ ރިޔާސީ ދައުރު ނިމެން ކައިރިވުމުން ކަމަށެވެ. ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރުން ލަސްވާތީ ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެ އެވެ.
މީގެއިތުރުން ރިޔާސީ އިންތިހާބުގެ ގާނޫނަށާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލެއް މި ފެށޭ ދައުރުގައި ހުށަހަޅަން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ ގާނޫނަށް ގެންނަ އިސްލާހުތަކަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ.
މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލްތައް:
1- ހައްޖާއި އުމުރާގެ ބިލު
2-އިސްރަށްވެހިންގެ ބިލު
3-ފޮރިން އިންވެސްޓްމަންޓްގެ ބިލު
4-އިންޑަސްޓްރިއަލް ރިލޭޝަން ބިލު
5-މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
6-އަބުރާ ބެހުމުގެ ސަބަބުން ބަދަލު ނަގައިދިނުމުގެ ބިލު
ދެން އެ ލިސްޓުގައި ހިމެނެނީ މިހާރު ހުރި ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލްތަކެކެވެ. އެއީ:
- ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު
- ކުޅިވަރު ގާނޫނަށް އިސްލާހުގެ ނައުމުގެ ބިލު
- ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު