ދުނިޔޭގެ މަޝްހޫރު ފެރޭރޯގެ ކޮކޯ ސްޕްރެޑް ނަޓެއްލާގެ ބްރޭންޑް އެމްބެސެޑަރުގެ މަގާމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ހަމަޖައްސައިފި އެވެ.

ނަޓެއްލާގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ރަންވީރު ހަމަޖެއްސީ އިންޑިއާގައި އެ އުފެއްދުން ޕްރޮމޯޓުކޮށް، ޑިޖިޓަލް މާކެޓްގައި މާކެޓްކުރުމަށެވެ.

ރަންވީރާއެކު ނަޓެއްލާއިން މިހާރު ވެސް ވަނީ ހާއްސަ ކެމްޕޭނެއް ފަށައިފަ އެވެ. ރަންވީރު ކުޅެފައިވާ ވީޑިއޯ އިސްތިހާރެއް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ޕްރޮމޯޓް ކުރަމުންނެވެ.

މި ކެމްޕެއިންގެ ތެރެއިން ރަންވީރުގެ ފޮޓޯ ޖަހާފައި ހުރި ނަޓެއްލާ ޖާތަކެއް ވަނީ ތައާރަފުކޮށްފަ އެވެ. މިއީ ލިމިޓެޑް އުފެއްދުންތަކެއް ކަމަށާއި މިތަކެތި ވިއްކުމުގެ ބަދަލުގައި ނަޓެއްލާގެ ފޭނުންނަށް މި ތަކެތި ބަހާގޮތަށް ފެރޭރޯ ކުންފުނިން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ރަންވީރުގެ ފޭނުންނަށް ވެސް މި ޖާތައް ބަހާނެ އެވެ.

ރަންވީރު އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓް

ދުނިޔޭގެ ނަޓެއްލާ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހެވެ. މިއަހަރުގެ ނަޓެއްލާ ދުވަހާ ދިމާކޮށް އިންޑިއާގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފޭސްބުކް އާއި އިންސްޓަގްރާމް އަދި ޔޫޓިއުބު މެދުވެރިކޮށް ވެސް މި ހަރަކާތްތަކުގައި ބައިވެރިވެ، ލިމިޓެޑް އެޑިޝަން ޖާއެއް ހޯދިދާނެ އެވެ.

https://www.youtube.com/watch?v=nLOF2Izv-fI

43 މިލިއަން ފޮލޯވާޒް ހަމައެކަނި އިންސްޓަގްރާމްގައި ހިމެނޭ ރަންވީރަކީ މީގެ ކުރިން ވެސް ގިނަ ބްރޭންޑުތަކެއް އެންޑޯޒްކޮށްފައިވާ ތަރިއެކެވެ. އޭނާ އެންޑޯޒްކޮށްފައިވާ ގިނަ ބްރޭންޑުތައް ނިސްބަތް ވަނީ ކުޅިވަރު ދާއިރާއަށެވެ.

ފެރެރޯ ގްރޫޕުން އިންޑިއާގައި ވިއްކަނީ ކިންޑާ، ނަޓެއްލާ، ފެރެރޯ ރޮކާ އަދި ޓިކް ޓެކް ފަދަ ބްރޭންޑްތަކެވެ. ފެރެރޯ ގްރޫޕަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޗޮކުލެޓް ކުންފުންޏެވެ. އެ ކުންފުނިން 170 އަށް ވުރެ ގިނަ ގައުމުގައި 35 އަށް ވުރެ ގިނަ ބްރޭންޑް ވިއްކަ އެވެ.

"ނަޓެއްލާ" ތައާރަފުކުރީ މީގެ 59 އަހަރު ކުރިން 1964 ގަ އެވެ.