ލޯކަލް ކައުންސިލް އިންތިހާބު ގާނޫނުގައިވާ ގޮތަށް ބާއްވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ މިދިޔަ އޭޕްރީލް ހަތަރުވަނަ ދުވަހު ކުރިން ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ވަނީ ފަސްކޮށްފަ އެވެ. އަދި ކައުންސިލް އިންތިޚާބާ ގުޅޭ ވަގުތީ ގާނޫނެއް ފާސްކޮށް ރައީސް ވަނީ ތަސްދީގުކުރައްވައިފަ އެވެ. އެ ގާނޫނުގައިވާ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެ އެވެ.
"ހުރިހާ"އާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ ގާނޫނުގައިވާ ގޮތަށް މާޗް 6 ނުވަތަ 13 ގައި ނުބޭއްވޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ.
"ނަމަވެސް އިންތިހާބު ބޭއްވުމުގެ ކުރިން ނިންމަން ޖެހޭ ނިންމުންތަކެއް އެބަހުރި. ގާނޫނުގައި ބުނޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށްފައި ވަނިކޮށް އިންތިހާބު ނުބޭއްވޭނެ ކަމަށް. އެހެންވެ އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެން އެޗްޕީއޭއާ ވެސް މަޝްވަރާކޮށްފިން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބު ގާނޫނުގައި ބުނާ މުއްދަތަށް ބޭއްވުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެޗްޕީއޭއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެ ދުވަހެއް އަންގަން ޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެޗްޕީއޭއަށް ދެންނެވިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނީ ކޮންއިރަކުންތޯ. އެ ބޭފުޅުން ވިދާޅުވީ އެއީ ކޮން ދުވަހެއް ކަމެއް ދަންނަވަން ނޭނގޭ ކަމަށް. ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށްފަހު ނިންމާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވާނެ ދުވަހެއް އިލެކްޝަންސް ކޮމިޝަނަށް ވެސް ގާނޫނާ ޚިލާފަށް ކަނޑައެއް ނޭޅޭނެ ކަމަށެވެ. އަދި ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ ބާރު އޮތީ އެ ކޮމިޝަނުގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެޗްޕީއޭއިން އެ އިންތިހާބު ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ. ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ގާނޫނަށް އިހުތިރާމްކުރަންޖެހޭ،" ޝަރީފް ވިދާޅުވި އެވެ.