އިބްރާހީމް މުހައްމަދ ސޯލިހުގެ ސަރުކާރުންވަނީ އައްޑުއަށް އިހުމާލު ވެފައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ،

ރައީސް ނަޝީދު މިގޮތަށް ވާހަކަފުޅު ދެއްކެވީ އެމްޑީޕީ ޕްރައިމަރީ ކެމްޕެއިންގައި އައްޑޫ ސިޓީއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ތަރައްގީއަށް ސަރުކާރުން އިސްކަން ނުދޭ ކަމަށާއި އެ ތަނުގައި ކުރިއަށް ގެންދާ މަޝްރޫއުތައް ލަސް ކަމަށެވެ. އެމްޑީޕީގެ އަމާޒަކަށްވީ އައްޑޫގައި ފަތުރުވެރިކަމަށް 8000 އެނދު ހުޅުވާލުން ކަމަށާއި ފަތުރުވެރިން އައްޑޫ އަށް ގޮސް އެ ތަނުގެ ރައްޔިތުންގެ އާމްދަނީ އިތުރު ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ނަމަވެސް އެއީ 2018 ވަނަ އަހަރަށް ނިކުތް އިރުގައި ވެފައި އޮތް ވައުދެއް. އެ ވައުދު އޮތީ ނުފުއްދި މިހާރު މި ދައުރު ނިމުނީ،" ސަރުކާރުން އިސްކަންދެނީ އެމްޑީޕީގެ ވައުދުތައް ނުފުއްދާ ކޯލިޝަން ވައުދުތައް ފުއްދަން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. މި ސަރުކާރުގައި އައްޑޫ އަށް ނިސްބަތްވާ ވަޒީރަކު ނެތް ކަމަށާއި އައްޑޫ އަށް ގެންނަން ބުނާ ތަރައްގީ އަންނަތަން ނުފެންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އައްޑޫގެ މަގު ހެދުމުގެ މަސައްކަތް ލަސްވާކަމަށް ވިދާޅުވެ އެކަމަށްވެސް ނަޝީދު ފާދު ވިދާޅުވި އެވެ.

"އައްޑޫ ރައްޔިތުންނަށް އެބަ އެނނގޭ މަގެއް ހަނދަން ނަގަނީ ގިނަވެގެން ދެތިން މަސް ކަން އަޅުގަނޑުމެން އެކަން ކޮށްފީމު އަދި އެކަން ކުރި ތަން މިތާ ރައްޔިތުންނަށް ސާފުކޮށް އެނގޭނެ. މި ދަނީ ފަސް އަހަރު އަޅުގަނޑުމެންނަށް މި މަސައްކަތްތައް ނުނިމި." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އައްޑޫއަށް ވަޑައިގެންނެވިއިރި އަރިހުގައި ކުރީގެ ދެ އެޓާނީ ޖެނެރަލްއިން ކަމަށްވާ ދިޔާނާ ސައީދު އާއި ޑ. މުހައްމަދު މުނައްވަރުވެސް ހިމެނިވަޑައިގެންނެވި އެވެ.