އިންޑިއާގެ ޓުޓިކޮރިން އާއި ރާއްޖޭގެ ދެކުނު ގުޅާލާ ޝިޕިން ހިދުމަތް ފަށައިފި އެވެ.
އެ ޚިދުމަތުގެ ފުރަތަމަ ދަތުރުގައި ކާގޯ ބޯޓު ގދ. ތިނަދުއަށް މިއަދު ހަވީރު ވަނީ ބަނދަރު ކޮށްފަ އެވެ.
ބޮންތި ނަކަމަށް ކިޔާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު ތިނަދުއަށް ބަނދަރު ކުރީ 400 ޓަނުގެ މުދަލާއެކު އެވެ.
މިއަދު ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ބޯޓު ފުރެންދެން މުދާ ބަރުކޮށްގެން ދެކުނަށް އައުން ކަމަށެވެ.
އުންމީދަކީ އެކަމުގެ ސަބަބުން ދެކުނުގެ ރަށްތަކުގެ ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ލިބިގެންދިޔުން ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އެ ދަތުރުތަކުގައި ކޮންމެ މަހަކު އެއްފަހަރު ތިނަދުއަށް ބޯޓު އަންނާނެ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ތިނަދޫ ރީޖަނަލް ޕޯޓު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުވަދުއަތޮޅަކީ ވިޔަފާރީގެ ހަބަކަށް ހެދުން ކަމަށެވެ.
"ހުވަދު އަތޮޅަކީ މީގެ ކުރިން ވަރަށް ވަރުގަދަ އަށް ވިޔަފާރިކޮށް ވަރަށް ގިނައިން މުއްސަނދި ވިޔަފާރިވެރިންތަކެއް ދިރިއުޅެމުން އައި އަތޮޅެއް، އެހެން ނަމަވެސް ވަރަށް ހިތާމަވެރި ހާދިސާއަކާ ގުޅިގެން ވަރަށް ޒަމާންވަންދެން އެކން މިއޮތީ ހުއްޓިގެން ގޮސްފައި. އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ އަލުން އަނބުރާ އެ ދުވަސް ގެންނަން، އަލުން އަނބުރާ ހުދަދު އަތޮޅަކީ ވިޔަފާރީގެ ހަބެއް ކަމަށް ހަދަން،" އަމްރު ވިދާޅުވިއެވެ.