ބަރުދަން ލުއި ކުރުމަކީ ގިނަ ބަޔަކު އެކަމެއް ކުރުމަށް ބޭނުންވާ ނަމަވެސް އެހާމެ ކުރަން އުނދަގޫ ކަމެކެވެ. ތަފާތު އެތަކެއް ވައްތަރުގެ ޑައިޓުތައް ޖައްސައި އެކި ވައްތަރުގެ ކަސްރަތުތައް ކޮށް ވެސް ނުހިކޭ މީހުން ތިބެ އެވެ. އެފަދަ މީހުންނަށް މިއޮތީ ބަރުދަން ލުއިކޮށްލަން މާ ފަސޭހަ ގޮތެކެވެ.
ފަހުގެ ދިރާސާ އަކުން ދައްކާ ގޮތުގައި ކެއުމުގެ ކުރިން ދެ ތަށި ފެން ބޯނަމަ ބަރުދަން ލުއިކުރުމަށް އެހީ ކޮށްދެ އެވެ. ވާޖީނިއާގެ ކޮލެޖަކުން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ކެއުމުގެ ކުރިން ދެ ތަށި ފެން ބުއި މީހުންގެ ގައިން މަހެއްގެ މައްޗަށް އެވްރެޖުކޮށް ދެ ކިލޯ ލުއިވެފައިވެ އެވެ.
މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 55 އަހަރާއި 75 އަހަރުގެ 48 މީހުން ހިމަނައިގެންނެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދިރާސާއިން އެއް ގުރޫޕު ކެއީ ކެލޮރީ ކޮންޓޮރޯލް ކުރެވިފައިވާ ޑައެޓެކެވެ. އަދި އަނެއް ގުރޫޕު އެއްވެސް ޑައެޓެއް ނެތި ކެއުމުގެ ކުރިން ދެ ތަށި ފެން ބުއީއެވެ. މިގޮތަށް މި މީހުންގެ ބަރުދަން 12 ހަފްތާ ދުވަހު ބަލާފައިވެ އެވެ.
ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި ކެއުމުގެ ކުރިން ފެން ނުބޯ ގުރޫޕުގެ މީހުން އަނެއް ގުރޫޕާއި އަޅާ ބަލާއިރު ދެ ކިލޯ އިތުރަށް ލުއިވެފައިވެ އެވެ. ސަބަބެއްގެ ގޮތުގައި ދިރާސާވެރިން ބުނަނީ އެއީ ކެއުމުގެ ކުރިން ފެން ބޯނަމަ ކެވޭ ކެލޮރީސް ގެ އަދަދު މަދުވުމެވެ. އަދި އޭގެ ސަބަބުން ބަރުދަން ލުއިކޮށް ދިނުމެވެ.
ފަސޭހަކޮށް ބަރުދަން ލުއިކޮށްލަން ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ހަބަރަކަށް ވާނެ އެވެ. ނަމަވެސް މިފަދައިން ކަން ކުރާއިރު ހަކުރު ގިނަ ބުއިން ތަކާއި ފިޒީ ބުއިންތަކުން ދުރުވުމަށް ސަމާލުކަން ދޭން ޖެހޭނެ އެވެ.