އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ނުކުންނަ ގޮތަކުން ކުރީގެ ރައީސް ޔާމީން ގެންގުޅުއްވާ ހަގީގަތާ ދުރު ސިޔާސަތުތައް ރާއްޖޭގެ ވެރިކަމަށް އެނބުރި އަތުވެދާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމަނިކުފާނު އެކަމަށް އިޝާރާތް ކުރެއްވީ، އެމަނިކުފާނުގެ ވާދަވެރިޔާ ކުރީގެ ރައީސް މުހަންމަދު ނަޝީދު ޕްރައިމަރީ ކާމިޔާބު ކުރައްވައިފިއްޔާ ވެދާނެ ގޮތެއްގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުންނެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އުތުރުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ އެ ރަށަކީ މަސްވެރިކަމުގެ ސިނާއަތު ވަރަށް ފުޅާކޮށް ހިންގާ ރަށެއް ކަމަށާއި ނަމަވެސް އިދިކޮޅު ލީޑަރު ޔާމީން ވަޑައިގެން އައިސްޕްލާންޓް ބަހައްޓާ ވާހަކަ ވިދާޅުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ޕްރައިމަރީގައި ނިންމާ ނިންމުމެއްގެ ސަބަބުން އަނެއްކާ ވެސް އެނބުރި އެ ހަގީގަތާ ދުރު ސިޔާސަތުތަކުގެ އަތްމައްޗަށް ރާއްޖޭގެ ވެރިކަން ދިއުމަކީ އެކަށީގެންވާ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވި އިރު އެމަނިކުފާނާ ޕްރައިމަަރީގައި ވާދަ ކުރައްވާ ކެނޑިޑޭޓު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފަހަކަށް އައިސް ގެންދަވަނީ ޔާމީނާއި އެމަނިކުފާނު ވެރިކަން ހިންގެވި ގޮތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުންނެވެ.
ނަމަވެސް އެމްޑީޕީގެ ޕްރައިމަރީން ބަލިވެއްޖެ ނަމަ ޔާމީންގެ ފަހަތަށް އަރައިވަޑައި ނުގަންނަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނާ ވާދަވެރި ކެނޑިޑޭޓު ވާހަކަ ދައްކަވާއިރު ކޮވިޑް-19 ގެ ދަތި އުނދަގޫތައް ރާޢްޖެ އަށް ދިމާވި ކަން ހަނދުމަފުޅު ނެތް ކަމަށާއި ވާހަކަފުޅު ދައްކަވަނީ މިދިޔަ ފަސް އަހަރު ރާއްޖެ އާންމު ހާލަތެއްގައި އޮތް ކަމަށް ދެކިވަޑައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ވަރަށް ގިނަ ގައުމުތަކުން ހާއްސަކޮށް ޑަބްލިއުއެޗްއޯ އިން އެކަން ފާހަގަކޮށް އެކަން އެހެން ގައުމުތަކާ އެބަ ހިއްސާކުރޭ. އަޅުގަނޑުމެންގެ ބައެއް ބޭފުޅުން އެކަން މިއަދަކު ހަނދާނެއް ނެތް. ހަތަރު އަހަރު އަޅުގަނޑުމެން އާއްމު ހާލަތުގައި އުޅުނު ކަމަށް އެބަ ވާހަކަދައްކާ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮވިޑާ ހެދި ދައުރުގައި މަސައްކަތް ކުރެވުނު ދެ އަހަރުގެ ތެރޭގައި އެއްވެސް ސަރުކާރަކަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ނުކުރާ ވަރުގެ ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިސަރުކާރުން ކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ މެންބަރުން ޕްރައިމަރީގައި ގޮތެއް ނިންމަވާއިރު ވިސްނަން ވާނީ މިހާރު ހިންގާ މަޝްރޫއުތައް ކުރިޔަށް ދެވޭނެ ގޮތަކަށް ވޯޓު ދިނުމަށް ކަމަށާއި އަލުން އަނބުރާ މަގުމައްޗަށް ނިކުންނަން ޖެހޭ ގޮތަކަށް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އުއްޗު އަކީ އެއީ ޔާންޓޭ ގެ ބެސްޓް ފްރެންޑް ދެން އަންނި އުއްޗު އާއި އެކުވުން މަމެންނަށް އަތޭ ދިއްކޮށްލެވެނީ އެއްވަނަ ކެންޑިޑޭޓަށް އެކީގައި ދާން ކުރިއަށް ހިނގާ މަމެން ޕިންކީންގެ ގަޓް ރައީސް ޔާންޓޭ މިނިވަން ވުމުގެ ނިޝާން ތައް ފެންނާން ފަަށައިފިއޭ