މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި އަނެއްކާވެސް އެކި ފަރާތްތަކަށް މެސެޖްތަކެއް ކުރަމުންދާތީ ސަމާލުވުމަށް މޭޔަރު މުއިއްޒު އެދިވަޑައިގަންނަވައިފި އެވެ.
މި ކަންބޮޑުވުން މީޑިއާތަކުގެ ސަމާލުކަމަށް ގެންނަވަމުން މޭޔަރު ވިދާޅުވީ މޭޔަރުގެ އަމިއްލަ ފޯނު ނަމްބަރު ބޭނުންކޮށްގެން އެސްއެމްއެސް އަދި ވައިބާ މެސެޖްތައް އެކި ފަރާތްތަކަށް ފޮނުވަމުންދާކަމަށެވެ.
މި ފަހަކަށް އައިސް މޭޔަރުގެ ނަމުގައި މިގޮތަށް މެސެޖްތަޖެއް ދައުރުވާތީ މޭޔަރު ވަނީ މީގެ ކުރިންވެސް މިކަން ސަމާލުކަމަށް ގެންނަވާފަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުވެސް މިފަދަ އަސްލެއް ނެތް މެސެޖުތަކެއް ރާއްޖޭގެ އެކިއެކި ނޫސްވެރިންނަށް ފޮނުވަމުން ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާތީ މޭޔަރު ވަނީ މިކަމަށް ނޫސްވެރިންވެސް ސަމާލުވުމަށް އެދިވަޑައިގަންނަވާފަ އެވެ.
މޭޔަރު މިއަދު ވިދާޅުވީ އަނެއްކާވެސް އާދިއްތަ ދުވަހު މިފަދަ މެސެޖްތަކެއް ދައުރުވަމުންދާ ކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ސަމާލު ވުމަށާއި އެފަދަ މެސެޖެއް ލިބިއްޖެ ފަރާތެއްނަމަ މޭޔަރު މުއިއްޒު އަރިހުން ލަސްނުކޮށް އެކަމުގެ ހަގީގަތް އެއްސެވުމަށް ވެސް މޭޔަރު މުއިއްޒު ވަނީ އެދިވަޑައިގަންނަވާފަ އެވެ.
ފަހަކަށް އައިސް މިފަދަ އަސްލެއް ނެތް މެސެޖްތައް އެކި ފަރާތްތަކުގެ ނަންނަމުގައި ދައުރުން ކުރުން ރާއްޖޭގައި އަންނަނީ އިތުރު ވަމުންކަން ފާހަގަ ކޮށްލެވެ އެވެ.