ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް އާއި އަލްމަރްޙޫމް އިސްމާޢިލް ފަތުޙީ ކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށް އެ ބޭފުޅުންނަށް ޝަރަފުވެރި އެވޯޑެއް އަރުވައިފި އެވެ.
ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފްލާއެއްގައި މި އެވޯޑްތައް ހަވާލުކޮށްދެއްވާފައިވާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އެވެ.
ދިވެހި ސަރުކާރުގެ 60 ޕަސެންޓް ހިއްސާ ހިމެނޭހެން ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮންޕެނީއާއެކު ބޭންކް އޮފް މޯލްޑިވްސް އުފައްދަވައި، ބޭންކުގެ ކޮމާޝަލް އޮޕަރޭޝަންތައް ފައްޓަވާދެއްވުމުގެ ބިންގާ އަޅުއްވައިދެއްވި، ރައީސް މައުމޫނާއި އިސްމާޢިލް ފަތުޙީ ވަނީ ބޭންކަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. މި ދެ ބޭފުޅުންނަކީ ވެސް ރާއްޖޭގައި ބޭންކިން ހިދުމަތް ކުރިއަރުވައި ތަރައްގީކުރުމުގެ މޭސްތިރިންނެވެ.
މީގެ އިތުރުން ބޭންކަށް 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުންކަމަށްވާ ޢާއިޝަތު ނޫރައްދީން، ފާތިމަތު މަނިކެ އަދި މޫސާ މުޙައްމަދުގެ އަގުވަޒަންކޮށް ރޭ ވަނީ އެވޯޑް ހަވާލުކޮށްދީފަ އެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ މިއަދު ރާއްޖޭގައި އެންމެ ބޮޑު ބޭންކިން ވިއުގައާ އެކު ހިދުމަތް ދެމުންދާ ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ފަޚްރުވެރި ދިވެހިންނެވެ.