ވާދަވެރިކަން ބޮޑުވެ ފޯރިގަދަވެފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ވާދަވެރި ކެންޑިޑޭޓް، ރައީސުލް ޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަށް ފާޅުގައި ފާޑު ވިދާޅުވެ، ޖޯކު ޖައްސަވައި، ފުރައްސާރަ ކުރައްވަމުންނެވެ. މި ހުރިހާ ވާހަކަތަކާ ގުޅިގެން ރައީސް ސޯލިހު ފެނިވަޑައިގަންނަވަނީ ދިފާއަށް ކުޅުއްވާ ތަނެވެ. ނަޝީދުގެ ކޮންމެ ފާޑު ވިދާޅުވުމަކަށް ރައީސް ސޯލިހު ފަސޭހަ ކަމާ އެކު ރައްދު ދެއްވަ އެވެ. ސަބަބަކީ ރައީސް އަށް ފާޑު ވިދާޅުވާ ކޮންމެ ކަމެއް، ކޮންމެވެސް ޒަމާނެއްގައި ނަޝީދު ކުރައްވާފައިވާތީ އެވެ.
މި މަހުގެ 28 ވަނަ ދުވަހު އޮންނަ ޕްރައިމަރީގެ ވާދައިގައި، ކުޑައިރުއްސުރެ ރަހުމަތްތެރިޔާ އަދި ސިޔާސީ ގޮތުން އެންމެ ބޮޑު އެކުވެރިޔާ އަށް ނަޝީދު ގެންދަވަނީ "ހެއްދެވި ނުހެއްދެވި" އަށް ގޮވަމުންނެވެ. ނުދައްކަވާކަށް ވާހަކައެެއް ނެތެވެ. ފަހުން ވެސް އެކުގައި ނޫޅެވޭހާ ދުރަށް ބައެއް ވާހަކަތައް ގެންދަވަ އެވެ.
ކެމްޕޭނުގައި އެންމެ ފަހުން، ބ. އަތޮޅަށް ވަޑައިގެން ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ދެވަނަ ދައުރަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރައްވައިގެން ތިން ވަނަ ދައުރަކަށް ވެސް އިންތިހާބު ވާން ބޭނުންފުޅުވާނެ ކަމަށެވެ.
މި ފާޑުވިދާޅުވުމަށް ރައީސް ސޯލިހު ރައްދު ދެއްވީ ނަޝީދު އަމަލު ކުރައްވާފައިވާ ގޮތުގެ މިސާލު ނަންގަވަމުންނެވެ. ހުޅުމާލޭގައި ރައީސްގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވިދާޅުވީ ގާނޫނު އަސާސީ ބަދަލުކޮށްގެން ވެރިކަމަށް އަންނަން އުޅެނީ ކާކުކަން ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ސާފުވާނެ ކަމަށެވެ.
"ކާކުތޯ ގާނޫނު އަސާސީ ބަދަލުކޮށްގެން ވެރިކަމަށް އަންނަން އުޅެނީ. ވެރިކަން ވެރިކަން، ވެރިކަން ނޫން އެއްޗެއް ނެތް. ނިޒާމު ބަދަލުކޮށްގެން ވެސް ގާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ވެސް ވެރިކަމަށް އަންނަން އުޅެނީ ކާކުކަން، ކޮން ބޭފުޅެއްކަން ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ސާފުކޮށް އެނގޭނެ،" ނަޝީދަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
ބ. ހިތާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ ހުރިހާ ސިޔާސީ ލީޑަރުން ބަންދުކޮށްފައި ތިބުމުން އެންމެން އެކުގައި ރައީސް ސޯލިހު ނެރުމަށް ނިންމެވި ކަމަށާއި އެ މަނިކުފާނު ވެރިކަމުގައި ހުންނަވާނީ 18 މަސް ދުވަހަށް ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ލިޔުނު ކަމަށެވެ.
"ފުރަތަމަ ވިދާޅުވީ، ފަސް އަހަރު މާ ގިނައޭ. ފުރަތަމަ ވެރިކަމަށް ވަޑައިގަތީ 18 މަސް ދުވަހަށް. އެއީ އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެފައިވާ އެއްޗެއް. ދެން ވިދާޅުވީ، ފަސް އަހަރު ދުވަސް އެ ބޭފުޅާއަށް ގިނައޭ. ދެން ވިދާޅުވީ، އެންމެ ބޮޑަށް ބޭނުން ވެވަޑައިގަންނަވަނީ ރައީސް ނަޝީދު ވެރިކަމުގައި ހުންނަވާ ދުވަހެއް ދެކޭށޭ،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް ނަޝީދު ވިދާޅުވީ، މި ދައުރު އެކީ ނިންމެވުމަށް ފަހު އަނެއްކާ އެހެން ދައުރެއްގެ ވާހަކަ ރައީސް ސޯލިހު ދައްކަވަމުން އަންނަ އިރު ދެވަނަ ދައުރު ނިންމުމަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރާ ވާހަކަ ވެސް އެ މަނިކުފާނު ދައްކަވާނެ ކަމަށެވެ.
ނަޝީދުގެ މިވާހަކަތަކުގެ ރައްދުގައި ރައީސް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި އޮންނަނީ ދެ ދައުރު ވެރިކަން ކުރުން ކަމަށާއި ދެ ދައުރަށް ވުރެ އިތުރަށް ވެރިކަން ކުރަން އެމަނިކުފާނު ނޫޅުއްވާ ކަަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއްގެ ތެރޭގައި ވެސް ވެރިކަމުގައި ދެމިހުންނަން ނޫޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން އެހެން ހަނދާނެއް ވެސް އާވެ އެވެ. އެމްޑީޕީގެ ވެރިކަން 2008 ވަނަ އަހަރު ގާއިމްކުރުމަށް ދެ ވަނަ ބުރުގައި އިއްތިހާދުވި ޕާޓީތަކާ އެކު އައްޑު އަތޮޅު ހިތަދޫގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވަނީ އެމަނިކުފާން އިންތިޚާބުވެވަޑައިގެންފި ނަމަ ދައުރުގެ މެދުތެރޭން އާ އިންތިޚާބެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މި ވާހަކަތައް، އޭރުގެ ކޯލިޝަނުގެ ބައިވެރިއެއް ކަމަށްވާ ޑރ. ހަސަން ސައީދު ތިލަކޮށްދެއްވުމުން ނަޝީދު ވިދާޅުވީ އެއީ ގާނޫނު އަސާސީން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ކޮންމެ ފަދަ ހާލަތެއް މެދުވެރިވެގެން ނަމަވެސް، ދައުރުގެ މެދުތެރޭން ނަޝީދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ބައެއް މީހުންގެ ނަޒަރުގައި ބަރުލަމާނީ ނިޒާމަކަށް ނަޝީދު ވަކާލަތު ކުރުމުގެ ބޭނުމަކީ ވެސް އެ ނިޒާމުގެ ތެރޭން ވީހާވެސް ގިނަ ދުވަހު ވެރިކަމުގައި އުޅުއްވުމެވެ.
ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ "މައުމީނީ ސިފަތައް" އެމްޑީޕީގެ ތެރެއަށް ވަންނަން ފަށައިފި ކަމަށް ފަހަކަށް އައިސް ނަޝީދު ތަކުރާރުކޮށް ވިދާޅުވެ އެވެ. ނަމަވެސް ނަޝީދުގެ ފަރާތްޕުޅުން ވެސް މިފަދަ "މައުމޫނީ ސިފަތައް" ދަނީ ފެންނަމުންނެވެ. އެމްޑީޕީ ޖޫން، 2005 ވަނަ އަހަރު އުފެދުނީއްސުރެ ޕާޓީގެ ބާރު ހޯއްދަވަން މަސައްކަތް ނުކުރައްވާ އިރެއް ނުދެ އެވެ. އިންތިގާލީ ވަލީ ކޮމިޓީގެ ދުވަސްވަރު ޗެއާޕާސަނެވެ. އޭގެ ފަހުން މިވީހާ ދުވަހަކު ޕާޓީގެ ރައީސްގެ މަގާމުގަ އެވެ. އެހެން ބޭފުޅަކަށް ފުރުސަތެއް ނުދެއްވަ އެވެ. ކިރިޔާ ވެސް ވާދަކުރައްވާނެހެން ހީވާ ބޭފުޅަކު ޕާޓީން "ބޭރު" ކުރަނީ އެވެ. އެކަމަކު މިހާރު ހާލަތު ބަދަލުވެ ލަގަން ގެއްލިއްޖެ އެވެ.
ބ. އޭދަފުއްޓަށް ވަޑައިގެން ނަޝީދު ވަނީ ވެރިކަމުގެ ލައްޒަތާއި އިއްޒަތް ލިބުމުން ވެރިކަމުން ދުރަށް ޖެހެން އުނދަގޫވެދާނެ ކަމަށް ވިދާޅުވެ، ރައީސް ސޯލިހަށް ފާޑު ވިދާޅުވެފަ އެވެ. ނަމަވެސް ފެށުނީއްސުރެ ނަޝީދު އަމާޒު ހިއްޕަވާފައި ވަނީ ވެރިކަމުގެ އިއްޒަތާއި ލައްޒަތާ ދިމާލަށެެވެ. ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރަމުން ދަނިކޮށް ރައީސް ސޯލިހަށް މެސެޖް ކުރައްވައި، އެންމެ ފަހުން ވަނީ ހަވާސާގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި ބޭނުން ވަނީ ބޮޑުވަޒީރުކަން ކަމަށް ނަޝީދު ވިދާޅުވެފަ އެވެ.
ރައީސް ނުވަތަ ބޮޑު ވަޒީރު ފަސް އަހަރު ހަމަވާއިރު ތާއީދު ނެތް ކަމަށް ފެންނަ ނަމަ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލު ކުރާ ގޮތަކީ އާ މީހަކު ނެރުން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވި އެވެ. އެމްޑީޕީގައި ވެސް އެކަން ކުރަން ހަމަޖެހިފައި އޮންނަނީ އެހެން ކަމަށް ވިދާޅުވި އެވެ.
އެކަމަކު ނަޝީދުގެ މިވާހަކަތައް ވެސް ދިމަލެއް ނުވެ އެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ އިންތިޚާބުން ނާކާމިޔާބުވުމުން ނަޝީދު ފަހަތަށް ޖެހިވަޑައިގެން އެހެން ބޭފުޅަކަށް ފުރުސަތެއް ނުދެއްވަ އެވެ. އުޅުއްވީ އެމްޑީޕީގައި ވެސް އެކަން ކުރަން އޮންނަ ގޮތާ ޚިލާފަށެވެ. އުޅުއްވީ ކޮންކްރީޓް މެޝިނާއި އުވަދޯނި ފަދަ އެއްޗެއްސަން ވޯޓު އަޅައިގެން ނަމަވެސް ގިނަކަންޏާ ނުކުންނެވި ޕްރައިމަރީ ކާމިޔާބުކޮށް 2018 ގެ އިންތިޚާބުގައި ވާދަކުރެއްވުމަށެވެ. އެފަހަރު ކުރިމަތި ނުލެއްވުނީ ޝަރުއީ ނިޒާމުގެ ތެރޭން ނަޝީދަށް ފުރުސަތު ނުލިބުމުންނެވެ. ދެން ފެނިގެން މިދަނީ ގާތް އެކުވެރިޔާ އަށް ވެރިކަން ލިބުމުން ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވެންދެން ވެސް ނަޝީދުގެ ކެތްތެރިކަން ކޮޅުންލައިގެން އުޅޭ ތަނެވެ.
ނަޝީދު ގެންދަވަނީ ކޯލިޝަން ހަދައިގެން ވެރިކަން ކުރުމާ ދެކޮޅު ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެކަމަކު އެންމެ ފަހުން އެވާހަކަ ވެސް ބަދަލުވެއްޖެ އެވެ. ދާދި ފަހުން ވިދާޅުވެފައި ވަނީ ޕާޓީތަކަށް ތާއީދު އޮންނަ މިންވަރަކަށް ބަލައި ކޯލިޝަން ހެދިދާނެ ކަމަށެވެ. އަދި އެންމެ 20 ދުވަސްތެރޭ ކޯލިޝަން ރޫޅުނު ނަމަވެސް ނަޝީދު ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވީ ވެސް ކޯލިޝަނަކުންނެވެ.
ކެމްޕޭނުގައި ނަޝީދު ދައްކަވާ މިފަދަ ކިތަންމެ ވާހަކައެއް ގޮސް އެންމެ ފަހުން ގުޅެނީ ކޮންމެވެސް އިރެއްގައި އެމަނިކުފާން ވެސް ކަންކުރައްވާފައިވާ ގޮތަށެވެ. އެކަމަކު އެ ވާހަކަތައް ދައްކަވާ އިރު ކަންކުރެވުނު ގޮތެއް ހަނދުމަފުޅެެއް ނުހުރެ އެވެ. ކަންކުރައްވާފައިވާ ގޮތް އާޚިރުގައި އައިސް ލައިގަންނަނީ އެވެ. އެކަމަކު ފެންނަނީ ކަންކުރައްވާފައިވާ ގޮތާ އިދިކޮޅަށް ވާހަކަ ދައްކަވާ ތަނެވެ. ނުކުރައްވާނެ ކަމަށް ވިދާޅުވާ ކިތަންމެ ކަމެއް ކުރައްވާ ތަނެވެ. އުޅުއްވަނީ ކަން ކުރައްވާފައިވާ ގޮތް ވާދަވެރިޔާގެ އިސްތަށިފުޅުގައި އެޅުއްވޭތޯ އެވެ.
ތި ކެރަފާ ނަޝިދަކީ މަލްޓި ޕާސަނަލަޓީ ޑިސްއޯޑަރ ޖެހިފައިވާ މީހެއްކަމަށް ވަރަށް މުއުތަބަރު ފަރާތަކުން އަޑުއެހިން. އެއީ ވަރައް ނުރައްކާތެރި ސިކުނޑީ ގެ ބައްޔެއް. އެކަހަލަ މީހެއްގެ ފަރާތުން ތިކަހަލަ ކަންތައް ވަރައް ގިނައިން ފެންނާނެ. މީގެ އިތުރުން ނަފްސާނީ ބައްޔެއް ކަމުގައިވާ ޑިމެންޝިއާ ޖެހި ވަރައް ބޮޑުވަރުވެފައިވާ މީހެއް ކަމުގެ ވާހަކަވެސް ދެކެވޭ. އެއީ ދިވެހިން ކިޔާގޮތުންނަމަ ހަނދާންނެތޭ ބަލި.
މި ނަޝީދު ދައްކާ ވާހަކަ ހެޔޮނުވާނެ ގަބޫ؛ލްކުރަން. އޭނާ ހީކުރަނީ އޭނާ ކަރންތައް ކުރި ގޮތް ރައްޔިތުން ތިބޭނީ ހަނދާން ނެތިފައި ކަމަށް. މިފަހަރުގެ އިންތިހާބުގައި އެކަން އޭނައަށް ފެންނާނެ. ބަލަންތިބޭ.