ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެ މަގުމަތިވި ބިދޭސީންނަށް ވަގުތީ ހިޔާއެއްގެ ގޮތުގައި، ފަރުކޮޅުފުށި ހަމަޖައްސައިފި އެވެ.
ރޭ ފަތިހު ހައެއް ޖަހަން އުޅެނިކޮށް ހިނގި އެ ހާދިސާގައި އެކަމޮޑޭޝަން ބްލޮކް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާތީ 200 ވަރަކަށް ބިދޭސީން ވަނީ މަގުމަތިވެފަ އެވެ. މިއަދު ހެނދުނުން ފެށިގެން އެ މީހުން ބައިތިއްބާފައި ތިބީ އިމާދުއްދީން ސްކޫލްގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔާގެ ގޮތުގައި ހުޅުމާލެއާ ގުޅިފައި އޮންނަ ފަރުކޮޅުފުށި ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ.
މިއުވާން ވިދާޅުވީ އެ މީހުން ނިދަން ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ. ފަރުކޮޅު ފުއްޓަކީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ވެސް މީގެކުރިން ބޭނުންކުރި ތަނެކެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ ކައުންސިލުން އެދުނީ ކޮރަލް ބުލެވާޑް ހަމަޖައްސައިދިނުމަށް ކަމަށެވެ. ނަމަވެސް މައްސަލަ އެތަނުގެ މައްސަލަ ކޯޓުގައި އޮތުމުން އެތަން ހަމަޖެއްސެން ނެތް ކަމަށް ސަރުކާރުން ވަނީ އަންގާފަ އެވެ.
ހާލުގައި ޖެހުނު ބިދޭސީންނަށް މިއަދުގެ ނާސްތާ އާއި ކެއުން ހަމަޖައްސައިދިނީ ދިރާގާއި ހެޔޮއެދޭ ފަރާތްތަކުންނެވެ. އެ އަލިފާނުގެ ހާދިސާގައި ރެއިންބޯ ކުންފުނީގެ މުވައްޒަފުން ތިބި އެކޮމަޑޭޝަން ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެ ތަނުގައި ދިރިއުޅުމުންދިޔަ މީހުންނާ އެ ކުންފުނިން ވަނީ ހަވާލުވެފަ އެވެ.