ރިޔާޒް (21 ޑިސެމްބަރު) - ސައުދީ އަރަބިއްޔާއިން ހުރިހާ އިންޓަނޭޝަނަލް ފްލައިޓްތައް ދަތުރުކުރުން އެއް ހަފުތާއަށް މަނާކޮށްފި އެވެ.
ސައުދީ ޕްރެސް އެޖެންސީން ބުނިގޮތުގައި އާދީއްތަ ދުވަހުން ފެށިގެން އެ ގައުމަށް ވައިގެ ދަތުރު ފަތުރުތަކާއި އެއްގަމު މަގުން ކުރާ ދަތުރުތައް ވެސް ހުއްޓާލަން ހަމަޖެހިފައިވާ ކަމަށެވެ.
ސައުދީ އަރަބިއްޔާ އިން ދަތުރުތައް ސަސްޕެންޑް ކުރުމަށް ނިންމީ އިނގިރޭސިވިލާތުން ކޮވިޑް ވައިރަސްގެ އައު ސްޓެރެއިން ފެނުމާގުޅިގެން ޔޫރަޕްގެ ގައުމުތަކުން އިނގިރޭސި ވިލާތަށް ދަތުރުތައް ހުއްޓާލާފައިވުމުން އެޅި ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެގޮތުން ބައެއް ފްލައިޓްތައް ހާއްސަ ހުއްދައިގެ ދަށުން ސައުދީއަށް އެތެރެވުމަށް ހުއްދަ ދެވުނަސް ޔޫރަޕްގެ ގައުމުތަކުން ނުވަތަ ހައިރިސްކް ގައުމަކުން އަންނަ މީހަކު ދެ ހަފްތާ ވަންދެން ކަރަންޓީން ވާން ޖެހޭނެ އެވެ. އަދި ކޮންމެ ފަސް ދުވަހަކުން ކަރަންޓީންގައި ހުންނަ މުއްދަތުގައި ކޮވިޑް ޓެސްޓް ކުރަންޖެހޭނެ އެވެ.
ކޮވިޑް ވައިރަސް ފެނިފައި ނުވާ ގައުމުތަކުން އަންނަ ކާގޯ އަދި އެހެނިހެން މުދާތަކާ މެދު ކުރިއެކޭ އެއްގޮތަށް އަމަލުކުރެވޭނެ ކަމަށް އަންގާފައިވެ އެވެ.
އިނގިރޭސި ވިލާތުން ފެނުނު ކޮވިޑް ވައިރަސްގެ އައު ސްޓްރެއިންއަކީ ކުރީގެ ސްޓްރެއިންތަކާ ހިލާފަށް ފެތުރޭ މިންވަރު 70 ޕަސެންޓް އަވަސް ވައިރަހެކެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ވަނީ އިނގިރޭސި ވިލާތަށް ދަތުރުކުރުން ހުއްޓާލާފަ އެވެ. --އަރަބް ނިއުސް