ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަވަރޭޖް ގެނެސް ދޭނީ ބްރޯޑްކާސްޓިން ގަވާއިދުތަކާއި އެޑިޓޯރިއަލް ގައިޑްލައިނާ އެއްގޮތަށް ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކޮށް ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ބުނެފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޕްރޮމޯޓްކޮށްދޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން ޕީއެސްއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެމްޑީޕީ ޕްރައިމަރީގެ ވާދަވެރި ކެމްޕެއިންގައި ހުރިހާ ފަރާތެއް ޝާމިލްވާގޮތަށް ހަމަހަމަކޮށް މައުލޫމާތާއި ޚަބަރު ގެނެސްދެމުން އަންނަ ކަމަށެވެ. އަދި ކޮންމެ ފަރާތެއްގެ ކޭމްޕޭނެއްގެ ޚަބަރުތައް ވެސް ގެނެސްދެނީ އެފަރާތަކުން ހިންގާ ހަރަކާތުގެ މައްޗަށް ކަމަށް ޕީއެސްއެމްއިން ބުނެ އެވެ.
ދައުލަތުގެ މީޑިއާ ހިންގާ ކުންފުނިން ބުނީ ކެމްޕޭންގެ ހަރަކާތްތައް ކަވާކުރުމުގައި ޕީއެސްއެމްގެ ސޯޝަލް މީޑިޔާ މެދުވެރިކޮށް އާމުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ޚަބަރު ގެނެސްދެމުން ދާއިރު އެ ޚަބަރަކާއި ގުޅޭ ފަރާތްތަކުގެ ހޭޝް ޓެގްތަކާއި އެހެނިހެން ޑިޖިޓަލް ބްރޭންޑިން އާއި ގުޅުވިފައި ވާނެ ކަމަށެވެ. އަދި މިކަން ކުރަމުން ދަނީ ހުރިހާ ފަރާތެއް ހަމަހަމަ ވާގޮތަށް ވީހާ ވެސް ގިނަ މީޑިއަމްތަކުން ތަފާތު ގިންތިތަކުގެ ރައްޔިތުންނަށް ހާމަކަންބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމަތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް ވެސް ޕީއެސްއެމްގެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި ޕީއެސްއެމްގެ ސޯޝަލް މީޑިއާ ހޭންޑަލްތަކަށް އަޕްލޯޑް ކުރެވޭ އިންތިހާބުގެ އެންމެހައި މަޢުލޫމާތާއި ޚަބަރުތައް ގެނެސްދެވޭނީ ވަކި ފަރާތަކަށް ތާއިދުކުރެވޭ ނުވަތަ ހިތްވަރުދެވޭ ފަދަ ގޮތަކަށް ނޫނެވެ.
ޕީއެސްއެމްގެ ބަޔާނުގައި ބުނީ އެ ކުންފުނީގެ މަގުސަދަކީ ރިޔާސީ އިންތިހާބުގެ ކަވަރޭޖް ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ޕީއެސްއެމް އިލްޒާމްވާގޮތަށް އެކިފަރާތްތަކުން މައުލޫމާތު ފެތުރުމުގެ ކުރިން އެކަމަކާއި ގުޅިގެން ޕީއެސްއެމްގެ ބަހެއް ނުހޯދައި އާއްމުންނަށް އޮޅުންއަރާ ގޮތަށް ޕީއެސްއެމްގެ ބްރޭންޑް އިމޭޖްއަށް ގެއްލުންވާ ގޮތަށް މައުލޫމާތު ނުފެތުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ގޮތަށް ފަތުރާ މައުލޫމާތުގެ ސަބަބުން ޕީއެސްއެމްއާ ދޭތެރޭ އާއްމުން ދެކޭ ގޮތް ބަދަލުވާކަން ވެސް ޕީއެސްއެމުން ފާހަގަކުރެ އެވެ.