ރައީސުން ކުއްލިއަށް ކަންކަމަށް ރިއެކްޓް ކުރުމުގެ ނަތީޖާ ރަނގަޅު ނޫން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ވެރިކަން ވެސް ވެއްޓިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ރޭ ރައްދު ދެއްވައިފި އެވެ.

ރައީސް ނަޝީދުގެ ވަކީލުކަން ވެސް ކުރައްވާފައިވާ ހިސާން ނަޝީދަށް ފާޑުވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރިއެކްޓް ނުކުރައްވާ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވެފައި ވަނިކޮށް، ރައީސްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ހިސާން ވިދާޅުވީ، ގައުމެއްގެ ވެރިއަކު ކުއްލި ކަންކަމާ ރިއެކްޓް ކުރެއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެ ހާލަތުގައި ބައެއް ފަހަރު ވެރިކަން ވެއްޓޭ ފަހަރު ވެސް ކުރިމަތިވާ ކަމަށް ވިދާޅުވެ، ނުސީދާކޮށް ނަޝީދަށް، ހިސާން ރައްދު ދެއްވި އެވެ.

"މާ ގަދައަށް ރިއެކްޓް ކުރީމަ ވެރިކަން އެބަ ވެއްޓިގެންދޭ،" ހިސާން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިން ނައިބު ރައީސުން އައްޔަން ކުރުމާއި ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރުމަކީ ވެސް ކުއްލިއަކަށް ކަންކަމަށް ރިއެކްޓް ކުރުމުގެ ނަތީޖާ ކަމަށް ވެސް ޖޭއެސްސީގެ ރައީސް ހިސާން ވިދާޅުވި އެވެ.

"ބައެއް ފަހަރު ރިއެކްޓް ކުރީމަ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތާ ތިބި ފަނޑިޔާރުން ދަމާ ކޫއްތާފައި އެބަ ނެރެެންޖެހޭ،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވިގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޭނާ ތާއީދު ކުރައްވަން ނިންމެވީ ވެސް ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ވެރިކަން ކުރެވޭނެ ކަން އެ މަނިކުފާނު ސާބިތުކޮށް ދެއްވާފައިވާތީ އެވެ. އިންތިހާބެއްގައި އަބަދުވެސް ވިސްނަން ޖެހޭނީ ގައުމީ މަސްލަހަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.