އިސްލާމް އާބަދު ( 20 ޑިސެމްބަރު)- ޕާކިސްތާނުގެ 50 ޕައިލެޓުންގެ ހުއްދަ ޕާކިސްތާނުން ބާތިލްކޮށްފި އެވެ.
ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނިގޮތުގައި މަތިންދާ ބޯޓް ދުއްވުމުގެ ފޭކް ލައިސެންސް ހޯދައިގެން ތިބި މީހުންގެ ލައިސަންސް ވަނީ ބާތިލްކޮށްފަ އެވެ. އަދި މިމައްސަލަ އެ ގައުމުގެ އެންމެ މަތީ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ފޭކް ލައިސެންސް ނަގައިގެން މަތިންދާބޯޓް ދުއްވާކަމަށް ޝައްކުރެވުނީ މި އަހަރު މެއި 22 ވަނަ ދުވަހު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ބޯޓެއް ކަރާޗީއަށް ވެއްޓި ބޯޓުން ދަތުރުކުރި 97 މީހުން މަރުވި ހާދިސާއަށް ފަހު އެވެ.
އޭވިއޭޝަން މިނިސްޓަރު ގުލާމް ސަރުވަރު ހާން ވިދާޅުވި ގޮތުގައި އެގައުމުގެ 860 އެކްޓިވް ޕައިލަޓުންގެ ތެރެއިން 260 މީހުން ފޭކް ލައިސެންސް ނުވަތަ ޕައިލެޓް އިމްތިހާނުގައި މަކަރުހަދާފައިވާ ކަމަށް ބެލެވެ އެވެ.
އެގައުމުގެ ހައިކޯޓަށް ހުށަހެޅި ރިޕޯޓްގައި ވާގޮތުން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ރިކްއާމަންޓަކަށް އޮފިޝަލުން ވަނީ އެގައުމުގެ 860 ޕައިލަޓުންގެ ލައިސެންސް ރިވިއުކޮށްފަ އެވެ. އަދި 172 މީހުންގެ ލައިސެންސް ބެލި ބެލުމުން މައްސަލަ އުޅޭކަމަށް ފާހަގަ ނުވާތީ ދޫކޮށް އޭގެ ތެރެއިން މައްސަލަ އުޅޭކަމަށް ފާހަގަ ވާ 50 ލައިސަންސް ވަނީ ބާތިލްކޮށްފަ އެވެ. އަދި މި ޕައިލެޓުން މަސައްކަތް ކުރަމުން ދިޔައީ ޕާކިސްތާން އިންޓަނޭޝަލް އެއާލައިންގެ އިތުރުން އެހެނިހެން އަމިއްލަ އަދި ބޭރުގެ އެއާލައިން ތަކުގަ އެވެ.
ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ރިޕޯޓުން އެނގޭ ގޮތުގައި ތަހުގީގު ނިންމައި ޖުލައި މަސްތެރޭގައި 28 ޕައިލެޓުން އަދި ސެޕްޓެމްބަރު މަސް ތެރޭގައި 22 ޕައިލެޓުންގެ ލައިސެންސް ބާތިލްކުރުމަށް ކެބިނެޓަށް ހުށަހަޅައި ފާސްކޮށްފައިވެ އެވެ.
ފޭކް ލައިސެންސް އިޝޫކުރި ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅުމަށް އެގައުމުގެ ރައްޔަތުން ދަނީ ގޮވަމުންނެވެ. މ މައްސަލަ ތަހުގީގުކޮށް މިކަމުގައި ޝާމިލްވާ އެންމެންނަށް އަދަބުދިނުމަށް ވެސް ގޮވާލާފައިވެ އެވެ. – ޓައިމްސް އޮފް އިންޑިއާ