ރިޔާސީ ކެންޑިޑޭޓެއްގެ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި މައްސަލަތަކެއް އުފެދި، ޓިކެޓް ލިބޭނެ ފަރާތެއް ކަނޑަ އެޅުމަށްޓަކައި ޕްރައިމަރީއެއް ބޭއްވުމަށް ނިންމައި ކެމްޕޭން މިވަނީ ފެށިފަ އެވެ.
ރިޔާސީ ޓިކެޓުގެ މައްސަލަގައި ޚިޔާލު ތަފާތުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އޭރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ނަޝީދަށް ވެރިކަމަށް ކުރިމަތި ލެއްވޭނެ މަގެއް ނެތުމުން ލިބިވަޑައިގެންނެވި ފުރުސަތެއްގަ އެވެ.
ނަޝީދުގެ އޭރުގެ އުންމީދަކަށް ވެފައި އޮތީ ދައުރުގެ މެދުތެރެއިން ވެރިކަމަށް އެނބުރި ވަޑައިގެންނެވޭ ފަދަ ހާލަތަކަށް މަގުފަހިވުމެވެ. އެކަމަށްޓަކައި ދެކެވުނު ވާހަކަތަކަކާއެކު ތައްޔާރުކުރި ކަރުދާސްތަކެއް ވެސް ހުއްޓެވެ.
އެމަނިކުފާނުގެ ހުރިހާ ހުވަފެނެއް ވެސް އޮތީ ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރުގެ މެދުތެރެއިން ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށްފަހު ބޮޑު ވަޒީރަކަށް ވެވަޑައިގެންނެވުމެވެ.
"ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓު ނެގުމުގެ ކުރިން ޕްރައިމަރީގެ ވާހަކަ ދެއްކުމެއް ނޯންނާނެ،" ޕްރައިމަރީގައި ވާދަ ކުރެއްވުމާ ބެހޭ ގޮތުން މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިމަހުގެ ކުރީކޮޅު އޮތް އާސްކް ސްޕީކާ ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
ހިނގަމުންދާ ރިޔާސީ ދައުރު ފެށުނީއްސުރެ ރައީސް ނަޝީދު ގެންދެވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އޮތް ބޮޑު އަޣުލަބިއްޔަތު ބޭނުންކުރައްވައިގެން ވެރިކަމުގެ ނިޒާމު ބަދަލު ކުރައްވާށެވެ. އެކަމަށްޓަކައި ކުރެެއްވި އެއްވެސް މަސައްކަތްތައް ކާމިޔާބު ލިބިވަޑައިނުގެންނެވީ ރައީސް ސޯލިހު އެއްބާރުލުން ނުދެއްވުމުގެ ސަބަބުންނެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން އުފެދުނު ހަމަނުޖެހުމުގައި ރައީސް ނަޝީދުގެ ކެތްތެރިކަން ކޮޅުންލައި ތަފާތު ގޮތް ގޮތުން ރައީސް ސޯލިހާ ދެކޮޅުވެރިވެ ވަޑައިގެންނެވި އެވެ.
ދެ ރައީސުންގެ މެދުގައި އުފެދުނު ދެކޮޅުވެރިކަމުގައި ނަޝީދުގެ ބަހުގެ ހަމަލާތައް ސޯލިހަށް އަމާޒުވަމުން ދިޔައިރު ރައީސް ސޯލިހު ގެންދެވީ މަޑުމައިތިރިކަމާއި އިތުބާރާއެކު އެމަނިކުފާނުގެ އަމާޒަށް ވާސިލުވުމަށް މަގުފަހިކުރައްވަމުންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ވެސް ރައީސް ސޯލިހު ގެންދެވީ ކާމިޔާބު ހޯއްދަވަމުންނެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގެ ހިފުމުގައި ބަލިވެވަޑައިގެންނެވުމާއި، އަރިސް ގިނަ ބައެއްގެ ސަޕޯޓު ރައީސް ސޯލިހަށް އެނބުރުމާ ގުޅިގެން ޕްރައިމަރީގައި ބައިވެރިވެރިވެ ވަޑައިނުގެންނެވުމަށް ވެސް އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން އެދުނެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވަނީ އެމަނިކުފާނުގެ މުޅި ހަޔާތް ވެސް ބިނާވެފައި އޮތީ ބޮޑެތި ރިސްކު ނެންގެވުގުމުގެ މައްޗަށް ކަމުގަ އެވެ.
"ނަގާ ރިސްކު ބޮޑު ވާ ވަރަކަށް ލިބޭ ފައިދާ ބޮޑުވާނެ،" އާސްކް ސްޕީކާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހޯދުމުގެ ބޭނުމުގައި ކުރިމަތިލާފައިވާ ޕްރައިމަރީގެ ރޭހުގައި ރައީސް ނަޝީދަށް މިހާތަނަށް ކުރިމަތިވެ ވަޑައިގަންނަވަނީ މާޔޫސްކަމެވެ. އެ މާޔޫސްކަމުގައި އެމަނިކުފާނުގެ ޝަކުވާގެ ލިސްޓު ދިގު ލައިގެންދާއިރު ރައީސް ސޯލިހު ގެންދަވަނީ އިރުބާރާއެކު ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިޔަށް އަޅުއްވަމުންނެވެ.