ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރި މަޖިލީހުގެ ލައިވް ސްޓްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން ނަގާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފި އެވެ.
ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ކުރި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އިއްޔެ ކޯޓުން ހުކުމް ކުރީ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
އެމަނިކުފާނުގެ ޝަރީއަތް ލައިވް ކުރަން ނިންމި ފަހުން ބޭއްވި ހުރިހާ އަޑުއެހުމެއް ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލުން ލައިވް ކުރި އެވެ. އަދި އަޑުއެހުންތަކުގެ ވީޑިއޯ. ލައިވް ނިމުމަށްފަހު ޗެނަލުން ފެންނަ ގޮތަށް ހުރެ އެވެ.
ރައީސް ޔާމީނަށް ހުކުމް ކުރުމަށް އިއްޔެ ބޭއްވި އަޑުއެހުމުގެ ލައިވް ސްޓްރީމްގެ ވީޑިއޯ ވެސް ޔޫޓިއުބް ޗެނަލުން ފެނުނެވެ. އެހެންނަމަވެސް، މިހާރު އެ ވީޑިއޯ ކޯޓުގެ ޗެނަލުން ފެންނާކަށް ނެތެވެ. އެ ވީޑީއޯ ޑިލީޓްކުރި ސަބަބެއް އެ ކޯޓުން ނުބުނެ އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝަރީއަތުގެ ލައިވް ސްޓްރީމް ޔޫޓިއުބުން މިހާރު ނަގާފައި ވިޔަސް ޝަރީއަތުގެ ވީޑިއޯ ލިބިފައިވާ ކަމަށެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ވެސް ޝަރީއަތް ލައިވް ކުރިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ހުކުމުގެ ކޮންމެ އަކުރެއް ވަކިން ބަލައި ޝަރީއަތުގައި އިއްވި ހުކުމާ އެއްގޮތްތޯ ބަލާނެ ކަމަށެވެ.
"އިއްޔެގެ ޝަރީޢަތް ރާއްޖޭގެ ގިނަ މީޑިއާ ތަކަކުން ވެސް ލައިވް ކުރި. ހުކުމުގެ ކޮންމެ އަކުރެއް ވަކިން ބަލައި ޗެކު ކުރެވޭނެ." އޭނާ ވިދާޅުވި އެވެ.
ހުކުމް ކުރި އަޑުއެހުން ޔޫޓިއުބް ޗެނަލުން ފެންނަން ނެތް އިރު، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ކޯޓުން ނުދީ ލަސްކުރަމުންދާ ކަމަށް ބުނެ އިދިކޮޅުގެ ބައެއް ލީޑަރުންނާއި ޔާމީންގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓު ސަރަހައްދަށް ވެސް ވަޑައިގަތެވެ.
ހުކުމް ކުރި އަޑުއެހުމުގެ ވީޑިއޯ ފެންނަން ނެތް ސަބަބާ ގުޅޭ ގޮތުން ކޯޓުން އެއްޗެއް ނުބުނެ އެވެ.