މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށް ގެންދާ "ޕޯޓް ސޭފްޓީ ވީކް" 2022ގެ ހަރަކާތެއްގެ ގޮތުގައި "ޕޯޓް ސޭފްޓީ ފޯރަމް" މިއަދު ބާއްވައިފި އެވެ.
ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމްގައި މިއަދު ކުރިއަށް ގެންދިޔަ "ޕޯޓް ސޭފްޓީ ފޯރަމް"ގެ މައިގަނޑު ބޭނުމަކީ އެމްޕީއެލްގެ "ހެލްތު އެންޑް ސޭފްޓީ"ގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކާ ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށް، މިހާރު ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، ހިޔާލު ބަދަލުކުރުމެވެ.
މި ފޯރަމްގައި އެމްޕީއެލްގެ ބޯޑު މެމްބަރުންނާއި ޑިޕާޓްމަންޓްތަކުގެ ވެރިންގެ އިތުރުން ކަސްޓަމްސް، ޕޯޓް ހެލްތު، ޕޮލިސް އަދި އެމްއެންޑީއެފްގެ މަންދޫބުން ބައިވެރިވި އެވެ. އަދި ޕޯޓުގައި މަސައްކަތްކުރާ ކްލިއަރިން އޭޖެންޓުގެ ފަރާތުން ވެސް މަންދޫބުން ބައިވެރިވި އެވެ.
ފޯރަމްގައި ވާހަކަދައްކަވަމުން ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޕޯޓަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ މާހައުލަކަށްވާއިރު، ޕޯޓުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ އެމްޕީއެލް އާއި ޕޯޓުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން ކަމަށެވެ. އަދި މި ފަދަ ފޯރަމްއެއްގެ ސަބަބުން، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީއީއޯ ފާހަގަކުރެއްވި ގޮތުގައި ޕޯޓުގައި ސާލަމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ކުންފުނީގެ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މިހާރު ވެސް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް، ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މިއަދުގެ ފޯރަމްގައި އެމްޕީއެލްގެ "ހެލްތު އެންޑް ސޭފްޓީ" އާ ގުޅުންހުރި އެކި މައުޟޫތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރި އެވެ.
އެމްޕީއެލްގެ "ޕޯޓް ސޭފްޓީ ވީކް" 2022 ފެށީ މި މަހުގެ 19 ވަނަ ދުވަހެވެ. މިއީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުން އެމްޕީއެލް އިން "ސޭފްޓީ ވީކް"އެއް ބާއްވާ ތިން ވަނަ އަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރާއި 2021 ވަނަ އަހަރު އެމްޕީއެލް އިން ވަނީ ކާމިޔާބުކަމާއެކު "ސޭފްޓީ ވީކް" ބާއްވައިފަ އެވެ.
ހަފުތާއެއްގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ސޭފްޓީ ވީކް"ގައި މި އަހަރު ވެސް ގިނަ ހަރަކާތްތަކެއް ވަނީ ހިމަނައިފަ އެވެ.