އެޗްޑީސީ އާއި މަމްސް އެންޖީއޯއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި މަމްސް އެންޖީއޯގެ ފަރާތުން ސޮއިކުރެއްވީ ކޯ-ފައުންޑާ ސިތްރާ މުހައްމަދެވެ.
އެޗްޑީސީގެ ފަރާތުން މަމްސް އެންޖީއޯއަށް ހިޔާ ފުލެޓުގެ ޔުނިޓެއް ހިލޭ ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެޗްޑީސީން ބުނީ މިއީ ކުންފުނީގެ ސީއެސްއާރް އިނީޝިއޭޓިވްގެ ދަށުން އޮފީސް ސްޕޭސްއެއްގެ ގޮތުގައި، މަމްސް އެންޖީއޯއަށް ޑޮނޭޝަންގެ ގޮތުގައި ހަދިޔާ ކުރެވިފައިވާ ސާމާނުތަކާއި އަދި އެހެނިހެން ތަކެތި ސްޓޯކުރުމަށް ހާއްސަކޮށް ދީފައިވާ ޔުނިޓެއް ކަމަށެވެ. މި ޔުނިޓު ހުންނާނީ H8 ވަނަ ޓަވަރުގައި ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން އިތުރަށް ބުނީ މަމްސް އެންޖީއޯ އިން ހިޔާ ފުލެޓުގައި ދިރިއުޅެމުންދާ އަންހެން ފަރާތްތަކާއި ގުޅުން ބަދަހިކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑުއަހާ އެޗްޑީސީއާއެކު ވަކި ކެމްޕެއިނެއްގެ ދަށުން އެހީތެރިވުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި މަމްސް އެންޖީއޯއަށް "ހޯޕް ފޮ މަމްސް" ކެމްޕެއިންގެ ދަށުން ލިބިފައިވާ ކޮންސްޓްރަކްޝަން ސާމާނުތައް ބެހެއްޓުމަށް އެޗްޑީސީގެ ވެއާހައުސް ސްޕޭސްއެއް ކަނޑައަޅާދިނުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެޗްޑީސީން ބުނިީ މި ކެމްޕޭންގެ ދަށުން އެޗްޑީސީގެ ޑިޒައިން ޓީމުން ގެތައް އެޅުމުގެ ޑިޒައިން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ.
މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބެނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯ އެކެވެ. "މަމްސް އެންޖީއޯ"ގެ މައިގަނޑު މަޤްޞަދަކީ ދިވެހި މަންމައިން ބާރުވެރިކުރުވުމެވެ. މިއީ ފޭސްބްކްގައި "މަމްސް އެމްވީ"ގެ ނަމުގައި މަންމައިން އިސްވެ ހިންގާ ހަރަކާތެކެވެ.
މި ގްރޫޕްގައި 39،000 އަށްވުރެ ގިނަ މައިން ހަރަކާތްތެރިވާއިރު، އެ ޖަމިއްޔާއިން ދަނީ ހާލުގައި ޖެހިފައިވާ އެކަނިވެރި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ، އަންހެނުން ވަކިން ޙާއްސަކޮށް އެކަނިވެރި މައިން މުޖްތަމައުގައި ބާރުވެރިކުރުމަށް އެކި ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދަމުންނެވެ.
އެގޮތުން، ބެކް ޓު ސްކޫލް، މަމްސް އެކްސްޕޯ ފަދަ ހަރަކާތްތައް ފާހަގަކޮށްލެވޭއިރު، އެޗްޑީސީން ވަނީ މި އެއްބަސްވުމުގެ ދަށުން ބޭނުންޖެހިފައިވާ ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވި މިކަމުގެ ސަބަބުން ހެޔޮބަދަލެއް މުޖުތަމައު ތެރޭގައި ފެނިގެންދިއުމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.