ޏ. އަތޮޅު ތައުލީމީ މަރުކަޒަށް 50 އަހަރު ފުރޭއިރު އެ މަރުކަޒު ވެގެންދާނީ ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށްދެވޭ ސްކޫލަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ނައިބު ރައީސް ވިދާޅުވީ، ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދެވޭ ނިޒާމެއްގެ ތެރެއިން ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ އެއް ސްކޫލަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުކަމަށެވެ. އަދި، މިފާއިތުވެ ދިޔަ ތަނުގައިވެސް ޏ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ މަރުކަޒެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، މުޖުތަމައުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށެވެ. މިގޮތުން ސްކޫލެއްގައި ކިތަންމެ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތިބި ނަމަވެސް، އަދި ވަސީލަތްތައް ހުރި ނަމަވެސް، ހަރުދަނާ ދަރިންތަކެއް ބިނާ ނުކުރެވޭ ކަމަށާއި، އެހެންކަމުން މުޖުތަމަޢަށާއި ގައުމަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
މި ޖަލްސާގައި ވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ދިގު މުއްދަތެއްގައި ހިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފަ އެވެ. މިގޮތުން 30 އަހަރަށް ވުރެ ގިނަ ދުވަހު ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމަށް ވެސް މިޖަލްސާގައި ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވާފަ އެވެ.