ފަގީރުންގެ ދަފުތަރުގައި މާލެ ސަރަޙައްދުން އަލަށް ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް ހުޅުވާލައިފި އެވެ.
މާލެ ސަރަހައްދުން އެ ފުރުޞަތު ހުޅުވާލާފައި ވަނީ، މާލެ، ހުޅުމާލެ އަދި ވިލިމާލޭއިން ފަގީރުންގެ ލިސްޓުގައި ޖެހެން ބޭނުންވާ މީހުންނަށެވެ. އެގޮތުން މިމަހުގެ 22 އިން ފެށިގެން ޖެނުއަރީ 19ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ. ފޯމް ހުށައެޅޭނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.
މި އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައިނުވާ މީހުންނަކީ މިވަގުތު ވެސް ފަގީރުގެ ދަފްތަރުގައި ހިމެނޭ މީހުންނެވެ. އެފަދަ މީހުން ދަފްތަރުގައި ބައިވެރިވުމަށް އަލުން ފޯމު ހުށައަޅާކަށް ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ނަމަވެސް ދަފްތަރުގައި ރެޖިސްޓްރީވެފައިވާ އާއިލާގައި 19 ޖެނުއަރީ 2023 އަށް، 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރެއްޖެނަމަ އެފަދަ އާއިލާތަކުން އަލުން ފޯމް ހުށައަޅަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
މިކަމަށް ހުށައަޅާ ފޯމް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނާ ވެބްސައިޓުން ލިބެން ހުނާނެ އެވެ. އަދި މި ފޯމް ބަލައިގަންނާނީ ފޯމްބަލައިގަތުމަށް ޚާއްސަކޮށް އިސްލާމިކް މިނިސްޓްރީގައި ގާއިމުކުރާ ކައުންޓަރުންނެވެ.
ނިމުނު އަހަރު ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 7،700 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީކޮށްފައިވެ އެވެ.