މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެ މަރާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުވައި ދެއްކެވި ވާހަކަތަކާ ގުޅިގެން މަރު ކޮމިޝަނުގެ މެންބަރު މިސްބާހް އައްބާސްގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އެމަނިކުފާނު ނިންމަވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސްބާހް ވިދާޅުވެފައި ވަނީ ތ. އޮމަދޫ މުހައްމަދު މުނާޒު، ރާއްޖެއިން ބޭރަށް ފުރީ ޔާމީންގެ އެހީތެރިކަމާއެކު ކަމަށެވެ.
މިސްބާހު ވިދާޅުވީ ރިލްވާން ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރިގޮތް މުނާޒް ޔާމީނަށް ކިޔައިދީފަވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ޔާމީންގެ ގާނޫނީ ޓީމުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މިސްބާހުގެ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުނުލެވޭ ދޮގު ވާހަކަތަކެއް ކަމަށެވެ.
މިސްބާހުގެ އެ ވާހަކައަކީ މީހަކު އެހެން މީހެއްގެ ގާތު ބުނި ކަމަށް އެ މީހާ ދެއްކި ކަމަށް ބުނެ ބުނި ބުންޏަށް ދައްކާފައިވާ އެއްވެސް އަސްލެއް ނެތް ޔޯލަ ވާހަކަތަކެއްކަން ޚުދު އޭނާގެ ވާހަކަތަކުން ވެސް އެނގޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޔާމީނަކީ ކުރިއަށް އޮރް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ކަމަށްވާއިރު، މިފަދަ ޖިނާއީ ބޮޑު ކުށެއް ތަހުގީގު ކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ކޮމިޝަނެއްގެ މެންބަރެއްގެ ގޮތުގައި ހުރެ އެފަދަ ވާހަކައެއް ދެއްކެވީ ވަކި މީހަކަށް ސިޔާސީ މަންފާއެއް ހޯދައިދިނުމަށް އެމަނިކުފާނުގެ އަބުރު ކަތިލުމަށް ކަމަށް ވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
އެހެންކަމުން މިސްބާހާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ދައުވާ ފޯމު ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ބުނިބުންޏަށް ވާހަކަ ހަދައިގެން ފެތުރުމަކީ ވަރަށްބޮޑު ފާފައެއް.