ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނީ، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި، މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ގައުމީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް މަސްވެރިންނާއި މި ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ އެންމެމަށް އަރިސްކުރެއްވުމަށް ކުރެއްވި ޓުވީޓްގައި އެވެ.
"މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މަސްވެރިންނާއި މި ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރަން.ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުހޯދުމަށްޓަކައި ސަރުކާރުން ދަނީ ވަގުތުތުންވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ ގަނެ ފިނިކޮށް ރައްކާ ކުރުމަށް ދުވާލަކު 100 ޓަނުގެ މަސް ފިނި ކުރެވޭ އަދި 300 ޓަނުގެ މަސް ސްޓޯރު ކުރެވޭ ބޯޓަކާއި މަސް އެކްސްޕޯޓް ކުރުމަށް 2400 ޓަނުގެ ރީފާ ކެރިއަރެއް ރާއްޖެ ވަނީ ގެނެސްފަ އެވެ.
މީގެ އިތުރުން މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މަސް ކިރަން މިފްކޯއިން އިތުރު ތިން ބޯޓު ވަނީ ގަނެފަ އެވެ. އެ ބޯޓުތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިފްކޯއިން އަންނަނީ ކުރަމުންނެވެ.
ރާއްޖެއަށް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު، މަސް ކިރުވުމުގައި ދަތިތަކާއި ދިމާވުމަކީ މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދާދިނުމަށް ސަރުކާރުން ވަނީ މިފްކޯގެ މަސްގަންނަ ސެންޓަރުތައް އަޕްގްރޭޑުކުރުމަށް ވެސް ބޮޑެތި މަޝްރޫއުތަކެއް ފަށާފަ އެވެ.
އަދި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސްވެރިންނަށް އަގު ހެޔޮކޮށް ޑީސަލް ލިބޭނެ ގޮތާއި މަސްވެރިންނަށް ބޭޏުންވާ ލުއި ލޯނު ލިބޭނެ މަގު ފަހިކޮށްދީފައިވެ އެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ