ހަކުރު ބައްޔަކީ އިންސާނާގެ ހަށިގަނޑުގައިވާ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމްކޮށްދޭ އިންސިއުލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސިއުލިންއަށް ހަށިގަނޑު އިޖާބަ ނުދިނުމުގެ ސަބަބުން ލޭގައިވާ ހަކުރުގެ މިންވަރު ނުވަތަ ގުލުކޯޒްގެ މިންވަރު މަތިވެގެން ގޮސް ކުރިމަތިވާ ބައްޔެކެވެ.
ހަކުރުބަލި ޖެހިފައިވާކަން ދެނެގަންނާނީ ލޭގައި ހަކުރު ހުރިމިންވަރު ޓެސްޓުކޮށްގެން ބެލުމެވެ. އާއްމު ގޮތެއްގައި ހައިބަނޑާ ހުންނަ މީހެއްގެ ލޭގައި ހަކުރު ހުންނާނީ 70 އާއި 99 މިލިގްރާމް ޕާ ޑެސިލީޓަރާ ދެމެދުގެ މިންވަރަކަށެވެ. ބައެއް ފަހަރު ކެއުމަށްފަހު މީހާގެ ހަކުރު މައްޗަށް ދެއެވެ. ނަމަވެސް 200 މިލިގްރާމް ޕާ ޑެސިލީޓަރަށްވުރެ މައްޗަށް ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.
ހަކުރު ބަލީގެ ދެވައްތަރެއް ހުރެ އެވެ. އޭގެ ތެރެއިން ފުރަތަމަ ވައްތަރަކީ އިންސިއުލިން އަށް ބަރޯސާވާ ވައްތަރު ނުވަތަ ޓައިޕް 1 އެވެ. ޓައިޕް 1 އާންމުކޮށް ޖެހެނީ ޒުވާން އުމުރުގެ ކުދީންނަށެވެ. އަދި ހަކުރުބަލީގެ ދެވަނަ ވައްތަރަކީ އިންސިއުލިން އަށް ބަރޯސާނުވާ ވައްތަރު ނުވަތަ ޓައިޕް 2 އެވެ. ޓައިޕް 2 އާންމުކޮށް ޖެހެނީ އުމުރުން 40 އަހަރު ވުމުންނެވެ.
ހަކުރުބަލީގެ ފުރަތަމަ ވައްތަރު ކަމުގައިވާ ޓައިޕް 1ގައި ހަށިގަނޑުން އިންސިއުލިން އުފެއްދުން ދަށްވެ އެވެ. ނުވަތަ ބޭނުންވާ ވަރަށް އުފައްދައިނުދެ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއަށް ގުލްކޯޒް އަކަށް ނުވަދެވި ލޭގައި އެކުލެވޭ ގުލްކޯޒް މިންވަރު މައްޗަށްދެ އެވެ.
ހަކުރުބަލީގެ ދެވަނަ ވައްތަރުކަމުގައިވާ ޓައިޕް 2 ޑައިބިޓީސްގައި ޗިސްމޭއިން އިންސިއުލިން ކޮންމެ ވެސް ވަރަކަށް އުފައްދަ އެވެ. ނަމަވެސް އިންސިއުލިންގެ އަސަރު ފުރިހަމަ ގޮތުގައި ގުނަވަން ތަކަކަށް ނުކުރެ އެވެ. ނަތީޖާއެއްގެ ގޮތުން ގުނަވަންތަކުގެ ސެލްތަކުގެ ތެރެއަށް ގުލްކޯޒަކަށް ނުވަދެވި ލޭގައި ހަކުރު ހުންނަ މިންވަރު އިސާހިތަކު މައްޗަށްދެއެވެ.
ހަކުރުބަލީގެ އާއްމު އަލާމްތަތައް
- ވަރުބަލިވުން
- ކަރުހިއްކުން ނުވަތަ ފެންބޮވުން
- މާބޮޑަށް ބަނޑުހައިވުން
- ހަށިގަނޑުގެ ބަރުދަން ލުއިވުން / ބަރުވުން
- އަވަސްއަވަހަށް ކުޑަކަމުދާން ޖެހުން
ހަކުރު ބައްޔަކީ އެއްކޮށް ފަސޭހަކުރެވޭ ބައްޔެއް ނޫންކަމުން އެންމެ ރަނގަޅު ގޮތަކީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ބަދަލުގެނެސްގެން މަސައްކަތް ކުރުމެވެ.
އެގޮތުން ބަރާބަރަށް ކަސްރަތުކުރުމާއެކު ކެއުމަށް މުހިންމު ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަން ޖެހެ އެވެ. ހަމައެއާއެކު ފިކުރުކުރުމާއި ހާސްކަމުން ދުރުވެ ސާފުތާހިރު ކަމަށް އިސްކަން ދިނުން ވަރަށް މުހިއްމެވެ.