ޗާގޮސް މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
އިސްކަންދަރު ބިލްޑިންގައި އިއްޔެ ކުރިއަށް ގެންދިޔަ މިސެޝަނުގައި މައުލޫމާތު ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެވެ.
މި ސެޝަނަކީ ދިވެހި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މިހާރު ކުރިއަށްދާ މައްސަލައާ ގުޅޭ ގޮތުން ދިވެހި ފުލުހުންނަށް މައުލޫމާތު ދިނުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމެވުމާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ މި ސެޝަނުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ހޯމް މިނިސްޓްރީ އާއި ބަންޑާރަ ނައިބްގެ އޮފީހުގެ އިސް ބައެއް ވެރިން ވެސް ބައިވެރިވި އެވެ.
ރާއްޖެ އާއި މޮރިޝަސް ދެމެދުގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް އެދި މޮރިޝަސްއިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެއާ ދެކޮޅަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިމިފަ އެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންނުވާނަމަ ދެން އޮންނާނީ އެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.