ސައޫދީ އަރަބިއްޔާގެ އައް ނަސްރު ފުޓްބޯޅަ ކްލަބަށް ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ދުނިޔޭގެ ރެކޯޑް އަގެއްގައި ދިޔުމަށް އެއްބަސްވެއްޖެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނނނާ ގޮތުގައި ރޮނާލްޑޯ އައް ނަސްރު ފުޓްބޯޅަ ކްލަބަށް ސޮއިކުރީ ސީޒަނެއްގައި 200 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. މި އެއްބަސްވުމާއެކު ޓީމަކުން ކުޅުންތެރިޔަކަށް ދޭ އެންމެ ބޮޑު މުސާރައަށް ވެގެންދާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯ އައް ނަސްރުއަށް ސޮއި ކުރާނީ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.
އައް ނަސްރު އިން ރަސްމީކޮށް މި އޮފާ ދިން ނަމަވެސް ރޮނާލްޑޯ އެކަމާ އަދި ގޮތެއް ނުނިންމަ އެވެ. އޭނާގެ ހުރިހާ ފޯކަސްއެއް މިވަގުތު ހުރީ ވޯލްޑް ކަޕުގައި ވާދަކުރާ ޕޯޗުގަލް ޓީމަށެވެ.
ރޮނާލްޑޯ ސޮއިކުރަން ނިންމި އައް ނަސްރު އަކީ އޭޝިއާގެ އެންމެ ކާމިޔާބު އެއް ކްލަބެވެ. އެ ކްލަބުން ވަނީ 11 ފަހަރު ސައުދީ އަރަބިއްޔާގެ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.
ޔުނައިޓެޑާ އެކު ރޮނާލްޑޯ ހަދާފައިވާ ކޮންޓްރެކްޓް ދާދި ފަހުން ދެ ފަރާތް އެއްބަސްވެގެން އުވާލީ ކްލަބާއި ކޯޗު އެރިކް ޓެން ހަގް އަށް ފާޑުކިޔައި ރޮނާލްޑޯ ދިން އިންޓަވިއުގެ ސަބަބުންނެވެ. ޔުނައިޓެޑުން ވިދާލި ފޯވާޑް މިދިޔަ ސީޒަނުގައި އެ ޓީމަށް އެނބުރި އައީ ރެއާލް މެޑްރިޑާއި ޔުވެންޓަސްއާއެކު ކާމިޔާބީ ހޯދުމަށް ފަހު އެވެ.
ރޮނާލްޑޯ މެންޗެސްޓަ ޔުނައިޓެޑުން ވަކިވި ފަހުން އޭނާގެ ކުރިމަގާއި ގުޅޭ ގޮތުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ކުރިން ރޮނާލްޑޯ ބުނެފައިވާ ގޮތުގައި ވޯލްޑްކަޕް ކާމިޔާބު ކުރެވިއްޖެނަމަ ވަގުތުން އޭނާ ކުޅުން ހުއްޓާލާނެ އެވެ. ނަމަވެސް އެނޫން ގޮތެއް ދިމާވެއްޖެނަމަ އަދި ދެތިން އަހަރު ފުޓްބޯޅަ ކުޅުމުގެ ވިސްނުން އެބަހުރި ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.