އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުސީދާކޮށް އޭނާއަށް މަލާމާތް ކުރައްވައިފި އެވެ.
ނަޝީދު ރޮޒައިނާގެ ވާހަކަ ދެއްކެވީ މިހާރު ގދ. ތިނަދުއަށް ކުރައްވާ ދަތުރުފުޅުގައި ދޮރުން ދޮރަށް ވަޑައިގެންނެވި ގެއަކުން ރޮޒައިނާއާ ގުޅޭގޮތުން ދެއްކި ވާހަކައަކަށް ޖަވާބު ދެމުންނެވެ. އައްޑޫ މީދޫ ދާއިރާގެ ރައްޔިތަކު ނަޝީދާ ހިއްސާ ކުރީ އޭނާ ދަތިހާލުގައި އުޅޭއިރު ރޮޒައިނާގެ އެހީތެރިކަމެއް ނުލިބޭ ކަމުގެ ކަންބޮޑުމުމެވެ.
މަލާމާތް ކުރާ ފަދަ ގޮތަކަށް ހުންނަވައި ޖަވާބުގައި ނަޝީދު ވިދާޅުވީ ރޮޒައިނާ އަކީ ވަރަށް އަހްލާގު ރަނގަޅު ބޭފުޅެއް ކަމަށެވެ.
ނަޝީދު އެފަދައިން ވިދާޅުވާ ވީޑިއޯ ޓްވިޓާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯ ބެލުމުން ވެސް ނަޝީދު އެހެން ވިދާޅުވީ މަލާމާތް ކުރުމުގެ ގޮތުންކަން ފާހަގަވެ އެވެ.
ރޮޒައިނާ އަކީ އަހްލާގު ރަނގަޅު ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުމުން އެތަނުގައި ތިބި މީހުން ބާރަށް ހޭން ފެށި އެވެ. އެ ވީޑިއޯއަށް ކޮމެންޓްކުރި ގިނަ މީހުން ވެސް ބުނީ ނުސީދާކޮށް ނަޝީދު ރޮޒައިނާއަށް މަލާމާތް ކުރެއްވީ ކަމަށެވެ.
ރޮޒައިނާ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބޭފުޅެކެވެ. މީގެކުރިން ނަޝީދު ވަނީ ރޮޒައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ވެސް ނަޝީދު މީގެކުރިން ރޮޒައިނާއަށް ފާޑު ވިދާޅުވެފައިވެ އެވެ.