ދޯހާ (3 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގެ ފުރަތަމަ މެޗުގައި މިރޭ އެމެރިކާ އަތުން 3-1 އިން މޮޅުވެ، ނެދަލޭންޑްސް ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
މެޗުގެ ކުރީކޮޅު، އެމެރިކާ އަށް ލީޑު ހޯދަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ކްރިސްޓިއަން ޕުލުސިޗް ފޮނުވާލި ހަމަލާ ނެދަލޭންޑްސްގެ ގޯލްކީޕަރު އަންދްރިއެސް ނޮޕާޓް ވަނީ ދިފާއުކޮށްފައެވެ.
ނެދަލޭންޑްސް އިން މެޗުގެ 10 ވަނަ މިނިޓުގައި ލީޑު ނެގީ މެމްފިސް ޑީޕާއީ ޖެހި ލަނޑުންނެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ނެދަލޭންޑްސްގެ ޑެންޒެލް ޑަމްފްރީސް ހުރަސްކޮށްލި ބޯޅަ ޑީޕާއީ ގޯލަށް އަމާޒުކޮށްލައި ލީޑު ހޯދުމުން އެ ޓީމަށް މެޗުގެ ކޮންޓުރޯލް ލިބުނެވެ.
ނެދަލޭންޑްސްގެ ދެވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ޖެހީ ތަޖުރިބާކާރު ޑިފެންޑަރު ޑޭލީ ބްލިންޑެވެ. މި ލަނޑުގައި ވެސް އެސިސްޓް ހެދީ ޑަމްފްރީސްއެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އެމެރިކާގެ ފޯވަޑް ހާޖީ ރައިޓް މެޗުގެ 76 ވަނަ މިނިޓުގައި އެމެރިކާ އަށް ލަނޑެއް ކާމިޔާބުކޮށްދިނުމުން، މެޗުގެ ބާކީ އޮތް ވަގުތުގައި ވާދަވެރިކަން ބޮޑުވާނެކަމަށް ބެލެވުނެވެ.
އެކަމަކު ނެދަލޭންޑްސް މޮޅެއް ޔަގީންކުރީ މެޗުގެ 81 ވަނަ މިނިޓުގައި ބްލިންޑް ހުރަސްކޮށްލި ބޯޅަ ޑަމްފްރީސް ގޯލަށް ވައްދާލުމުންނެވެ.
ވޯލްޑް ކަޕްގެ ގަދަ 16ގައި މިރޭ އާޖެންޓީނާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާނެއެވެ.