ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ތިން ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ގެނެސްފި އެވެ.
އެމްއެންޑީއެފުން ބުނީ ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގެންފައިވަނީ ސްރީލަންކާގެ ތިން މަސް ބޯޓު ކަމަށެވެ.
މި ތިން ބޯޓު ވެސް މިވަގުތު އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެބޯޓުތަކާއި މެދު ދެން އަމަލު ކުރާނެ ގޮތެއް އެމްއެންޑީއެފުން ހާމަ ކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް މީގެ ކުރިންވެސް ބޭރުގެ މަސް ދޯނިފަހަރާއި ބޯޓުތައް އަތުލައިގެންފައި ވެއެވެ. އޭގެ ބައެއް ބޯޓުތައް މިހާރު ހުޅުމާލޭ ބަނދަރު ސަރަހައްދުގައި ވަނީ ބަދަރު ކޮށްފަ އެވެ.