ކަސްރަތު ކުރިނަމަވެސް އޭގެ ނަތީޖާ ނުފެންނަ ވާހަކަ އަކީ އަހަރުމެންނަށް އާއްމުކޮށް އިވޭ ވާހަކަ އެކެވެ. މިހެން ދިމާވަނީ ކެއުން ގެންގުޅެވޭ ގޮތަކުން ކަމުގައި ވެދާނެ އެވެ. ކަސްރަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ ތިރީގައިވާ ގޮތުގެ މަތިން ކެއުން ގެންގުޅޭނަމަ އެވެ.

ކަސްރަތުގެ ކުރިން

ކަސްރަތުގެ ކުރިން ކެއުން އެންމެ ރަނގަޅީ ކާބްސް އެކުލެވޭ އެއްޗެކެވެ. އެއް ގަޑިއިރު ކަސްރަތު ކުރާނަަމަ އެންމެ ރަނގަޅީ ހަތަރު ގްރާމުގެ ކާބްސް އެވެ. ކެއުން އެންމެ ރަނގަޅީ ކަސްރަތު ކުރުމުގެ 1-4 ގަޑިއިރު ކުރިންނެވެ. ކާބްސް ހިމެނޭ ތަކެތި ކާއިރު އެންމެ މުހިއްމީ ފެޓްސް މަދު، ގިނައިން ޕްރޮޓީން ހިމެނޭ ތަކެތި ކެއުމެވެ. އެކަމުގެ ސަބަބުން ކަސްރަތު ކުރަމުން ދާއިރު ހަށިގަނޑުގެ މަސްތައް ވަރުބަލިވުމުން ދުރުކޮށްދެ އެވެ.

ކަސްރަތުގެ ތެރެއިން

ކަސްރަތު ކުރަމުން ދާ ވަގުތަކީ ތިމާގެ ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވާނެ ވަގުތެކެވެ. އެހެންކަމުން ދިޔާ އެއްޗެއް ކަސްރަތުގެ ވަގުތު ބުއިން މުހިއްމެވެ. އެގޮތުން ފެން ނުވަތަ ތާޒާ ޖޫހެއް ބޭނުން ކުރެވިދާނެ އެވެ. އަދި ހަމަ އެހެންމެ ކާބްސް އެކުލެވޭ މޭވާއެއް ވެސް ކެވިދާނެ އެވެ.

ކަސްރަތުގެ ފަހުން

ކަސްރަތަށްފަހު ކެއުމާއި ދޭތެރޭގައި ވަކި ވަގުތެއް ދޫކުރަން ޖެހެ އެވެ. އެެހެންނަމަވެސް މިކަމާއި ދޭތެރޭ އެކި ސިއްހީ މާހިރުންގެ ހިޔާލު ތަފާތެވެ. ނަމަވެސް މަދުވެެގެން 45 މިނެޓާއި އެއް ގަޑިއިރާއި ދޭތެރޭގެ ވަގުތެއް ދޫކުރުމަކީ މުހިއްމު ކަމެކެވެ. ކާއިރު ޕްރޮޓީން ގިނަ ކެއުމެއް ކެއުން މުހިއްމެވެ.