ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާޙުކުރުމުގެ މަސައްކަތުގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި މިހާތަނަށް ކުރިއަށްގެންދެވުނު މަޝްވަރާއާއި، ކަމާގުޅޭ ގޮތުން ކުރެވުނު ދިރާސާގެ އަލީގައި "ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުން" މި ނަމުގައި އެކުލަވާލާފައިވާ ކަރުދާހެއް އެޓާނީ ޖެނެރަލް އޮފީހުން އާންމުކޮށްފި އެވެ.
ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، އެ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ، އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދެވެ. އެގޮތުން، ޝަރުޢީ ދާއިރާގެ އިސްލާހީ މަސައްކަތްތައް 2019 ވަނަ އަހަރު ފަށާފައިވާއިރު، އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދެ މަރުޙަލާއަކަށް ބަހާލައިގެންނެވެ.
ޖޭއެސްސީ އިސްލާހުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން އެ ކޮމިޝަނުން ވަނީ ކޯޓުތަކާއި، މަދަނީ ޖަމިއްޔާތަކާ ބައްދަލުކޮށް މަޝްވަރާކުރައްވާފަ އެވެ. އަދި ޖޭއެސސީ އިޞްލާހުކުރުމަށް އާންމުންގެ ޚިޔާލުވެސް ވަނީ ހޯދާފަ އެވެ. ޖޭއެސްސީން ވަނީ ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކުރެއްވި މަޝްވަރާތަކާއި އާންމުން ހުށައެޅި ޚިޔާލުތައް މިހާރު އާންމުކުރައްވާފަ އެވެ.
އާންމުންނަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 115 މީހުން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީފަ އެވެ. އޭގެ ތެރެއިން 91.3 އިންސައްތަ މީހުން ވަނީ ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އެ މީހުން އެގޮތަށް ދެކޭ މައިގަނޑު ތިން ސަބަބެއްވެ އެވެ. ފުރަތަމަ ކަމަކީ ޖޭއެސްސީގެ ބައެއް މެމްބަރުންނަކީ ސިޔާސީ މުއައްސަސާތަކުގެ އެންމެ އިސްވެރިންނަށް ވުމުގެ ސަބަބުން އެކޮމިޝަނުގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު އޮތުމުގެ ފުރުސަތު ބޮޑުވުމެވެ. ދެވަނަ ކަމަކީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ދައުރު ބޮޑުވުމެވެ. އަދި ފަނޑިޔާރުން ބިރުވެރިކަމެއްގައި ތިބި ކަމަށް ވެސް އާންމުން ގަބޫލުކުރެ އެވެ.
އޭޖީ އޮފީހުން ބުނީ ފުރަތަމަ މަރުޙަލާގައި ކުރިއަށްގެންދިޔައީ، ޢަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި، އަދި ފަނޑިޔާރުންގެ ސުލޫކީ ހަމަތަކާގުޅޭ އުސޫލުތަކާއި ފިޔަވަޅުއެޅުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަކީ، ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ އިސްލާހީ މަސައްކަތުގެ ފަހު މަރުޙަލާގައި ކުރިއަށްގެންދެވޭ މަސައްކަތެކެވެ.
މި ކަރުދާހަކީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކާއި، ކަމާގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާގުޅޭ ބިލުތައް އެކުލަވާލުމުގެ ކުރިން، ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާއާއި، އާންމުންގެ ހިޔާލާއި، ކަމުގެ މާހިރުންގެ ލަފަޔާއި، އަދި ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ ކަރުދާހެއް ކަމަށްވެސް އެއޮފީހުން ވަނީ ބުނެފަ އެވެ.
އޭޖީ އޮފީހުން ކޯޓުތަކާއި، ގާނޫނީ ވަކީލުންނާއި ވެސް ބައްދަލުކޮށް މަޝްވަރާތައްކޮށްފައިވާއިރު، އެ ބައްދަލުވުންތަކުގައިވެސް މިކަން ފާހަގަވެފައިވާކަން އޭޖީ އޮފީހުން އާންމުކުރި ކަރުދާހުގައިވެ އެވެ. މި މަޝްވަރާތަކުގެ ތެރެއިން ސުޕްރީމް ކޯޓާއި އެކު ބޭއްވި ބައްދަލުވުންތަކުގައި އެ ކޯޓުން ވަނީ ޖޭއެސްސީގެ މެމްބަރުން އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެކަމަށް އެކަށީގެންވާ އުސޫލެއް ބޭނުންވާކަން ބަޔާންކޮށްފަ އެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތުން އެ ކޮމިޝަނުގައި 10 މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، އަދި ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައި މީހުން އިންތިޚާބުކުރި ގާނޫނީ ވަކީލެވެ.
ޢާންމުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބަންޑާރަ ނައިބު ޖޭއެސްސީގައި ތިއްބަވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނަވަން ނުޖެހޭ ކަމަށް 87.8 އިންސައްތަ މީހުން ގަބޫލުކުރެ އެވެ. އަދި ބަންޑާރަނައިބު ނުހިމަނައި ޖޭއެސްސީ އެކުލަވާލުމަށް 67 އިންސައްތަ މީހުން ތާއީދުކުރެ އެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓަށް، ޖޭއެސްސީ އެކުލަވާލަން އެންމެ ރަނގަޅު ގޮތްކަމަށް ފެންނަ ދެ މޮޑިއުލެއް ވެސް ހުށައަޅާފައިވެ އެވެ. އެ ދެ މޮޑިއުލްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މެމްބަރު، އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އިންނެވުން ވަނީ އުނިކޮށްފަ އެވެ.
ސުޕީރިއަ ކޯޓުތަކާއި، ހައިކޯޓު އަދި މަދަނީ ޖަމިއްޔާތަކާއި އެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް ޖޭއެސްސީ އެކުލަވާލުމަށް އެފަރާތްތަކަށް ފެންނަ އެންމެ ރަނގަޅު ފޯމޭޝަނެއް ހުށައަޅާފައިވެ އެވެ. އެގޮތުން މަޖިލީހުގެ ރައީސްއާއި މެންބަރަކު ޖޭއެސްސީގައި ހިމެނުމަށް އެފަރާތްތަކުންވެސް ތާޢީދުނުކުރެއެވެ. މީގެ އިތުރަށް ބައެއް ހުށަހެޅުންތަކުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވެސް އުނިކޮށްފައިވާއިރު، ބައެއް އެހެން މަގާމުތަކުގެ ބޭފުޅުން އިތުރުކުރުން ރަނގަޅު ކަމަށް ވެސް ހުށަހަޅާފައިވެ އެވެ. މިގޮތަށް ހުށަހަޅާ މައިގަނޑު ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ އެ ކޮމިޝަނުން ސިޔާސީ ނުފޫޒު އުނިކުރުމެވެ.