ދޯހާ (30 ނޮވެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސީގެ ފަހު މެޗުތައް މިރޭ ކުޅުނުއިރު، ޕޯލެންޑް އަތުން 2-0 އިން މޮޅުވެ ގުރޫޕް އެއްވަނައިގެ ގޮތުގައި އާޖެންޓީނާ ވަނީ ގަދަ 16ގެ ބުރަށް ދަތުރުކޮށްފަ އެވެ. މި ގުރޫޕްގައި މިރޭ ސައޫދީ އަރަބިއްޔާ އަތުން 2-1 އިން މޮޅުވިޔަސް، މެކްސިކޯ ވަނީ މުބާރާތުން ކަޓައިފަ އެވެ. ލަނޑުގެ ތަފާތުން މި ގުރޫޕްގެ ދެވަނަ ލިބުނީ ޕޯލެންޑަށެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވި ނަމަވެސް، އާޖެންޓީނާ ވަރުގަދަކޮށް އެނބުރި އައިސް، ގުރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެނެވެ. މި ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16ގެ ޖާގަ ހޯދީ ޕޯލެންޑެވެ. މެކްސިކޯ ވެސް ހަތަރު ޕޮއިންޓާއެކު އޮތް ނަމަވެސް، ޕޯލެންޑަށް ދެވަނަ ލިބުނީ ލަނޑުގެ ތަފާތުންނެވެ. މެކްސިކޯ އަށް ގެއްލުން އެއް ލަނޑު އޮތްއިރު، ޕޯލެންޑަށް ގެއްލުން ލަނޑެއް ނެތެވެ. ހައިރާންކުރަނިވި ނަތީޖާއަކުން މުބާރާތް ފެށި ނަމަވެސް، ތިން ޕޮއިންޓާއެކު ސައުދީ މުބާރާތުން އަލްވަދާއު ކިޔީ ގުރޫޕްގެ ފުލުގައި އޮވެގެނެވެ.
މެޗަކަށް ފަހު މެޗެއް އާޖެންޓީނާ ފެންނަނީ ވަރުގަދަކޮށް
މި އަހަރުގެ ވޯލްޑް ކަޕްގެ ފެށުން ދަށްވިޔަސް، މެޗަކަށް ފަހު މެޗެއް އާޖެންޓީނާ އިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ޕޯލެންޑްގެ މައްޗަށް ރޭ އާޖެންޓީނާ ކުރި ހޯދިއިރު، މިއީ މި މުބާރާތުގައި މިހާތަނަށް އާޖެންޓީނާ އިން އެންމެ މޮޅަށް ކުޅުނު މެޗެވެ. މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތުމުން، މިރޭގެ މެޗުގައި އާޖެންޓީނާ ފެނުނީ ވަރުގަދަ ރޫހެއްގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ އަށް ޕޯލެންޑްގެ ގޯލްކީޕަރު ވޮޖްސިއެޗް ޝެޒްނީ ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ލިބުނު ނަމަވެސް، މެސީ ފޮނުވާލި ޕެނަލްޓީ ޝެޒްނީ ވަނީ ދިފާއުކޮށްފަ އެވެ.
އެކަމަކު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އާޖެންޓީނާ އިން ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ 46 ވަނަ މިނިޓުގައި ނަހުއެލް މޮލީނާ ނެގި ހުރަހަލުން އާޖެންޓީނާ އަށް ލަނޑު ޖަހައިދިނީ އެލްކްސިސް މެކަލިސްޓާ އެވެ. އަދި 67 ވަނަ މިނިޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ޒުވާން ފޯވަޑް ހޫލިއަން އަލްވަރޭޒް އެވެ.
ފަހު ވަގުތު މެކްސިކޯ އަށް ހިތްދަތިކަން
މެކްސިކޯ އަށް ވޯލްޑް ކަޕަށް އަލް ވަދާއު ކިޔަން ޖެހުނީ ވަރަށް ހިތްދަތިކޮށެވެ. ސައުދީ އަތުން 2-1 އިން މޮޅުވިޔަސް، މެކްސިކޯ އަށް ގަދަ 16ގެ ޖާގައެއް ލިބޭ ގޮތެއްނުވި އެވެ.
މެޗުގެ ދެވަނަ ހާފުގައި ހެންރީ މާޓިން އާއި ލުއިސް ޗާވޭޒް ޖެހި ލަނޑުތަކާއެކު މެކްސިކޯ އިން ވަނީ މެޗުގެ އިތުރު ވަގުތާ ހަމައަށް 2-0ގެ ލީޑެއް ނަގައިފައެވެ. އޭރު އާޖެންޓީނާ އިން ޕޯލެންޑްގެ މައްޗަށް 2-0 އިން ލީޑެއް ނަގާފައި އޮތުމާއެކު، ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް މެކްސިކޯ އަށް ބޭނުންވީ އިތުރަށް އެންމެ ލަނޑެކެވެ. އެކަމަކު އިތުރު ވަގުތުގައި ސައުދީގެ ސާލެމް އަލް ދޮސާރީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްލުމާއެކު، ހިތްހަމަޖެހުން ލިބުނީ ޕޯލެންޑަށެވެ.